އަނިޔާގެ ސަބަބުން މިއަހަރުގެ ޖޫން މަހު ރަޝިއާގައި ބާއްވާ ވޯލްޑްކަޕްގައި ލިވަޕޫލް އަށް ކުޅެމުން އަންނަ އިންގްލޭންޑްގެ މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބަލޭން އަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

ޗެމްބަލޭންގެ ކަކުލަށް އަނިޔާވެފައިވަނީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި 2-5 އިން އިޓަލީގެ ރޯމާގެ މައްޗަށް ލިވަޕޫލް އިން ކުރި ހޯދި މެޗުގައެވެ.

މި އަނިޔާއާ ގުޅިގެން އިއްޔެ ހެދި ސްކޭންތަކުން ޗެމްބަލޭންގް ކަކުލުގެ ލިގަމެންޓަށް ގެއްލުން ވެފައިވާކަން ހާމަވެފައިވާއިރު ލިވަޕޫލް އިން ނެރުނު ބަޔާނެއްގައި ބުނީ މި އަނިޔާގެ ސަބަބުން މި ސީޒަނުގައި ވެސް އަދި ކުރިއަށް ވޯލްޑް ކަޕްގައި ވެސް ޗެމްބަލޭން އަށް ނުކުޅެވޭނެ ކަމަށެވެ.

އުމުރުން 24 އަހަރުގެ ޗެމްބަލޭން އަށް އަނިޔާވެ ސީޒަން ނިމުނުއިރު އޭނާ އައީ މޮޅު ކުޅުމެއް ލިވަޕޫލްގައި ދައްކަމުންނެވެ.

އިންގްލޭންޑުގެ ގައުމީ ޓީމަށް 32 މެޗު މިހާތަނަށް ކުޅެދީފައިވާ ޗެމްބަލޭން ލިވަޕޫލް އަށް ބަދަލުވި މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި 35 މިލިއަން ޕައުންޑުގެ އަގަކަށް އާސެނަލް އިންނެވެ. މި ސީޒަނުގައި ޗެމްބަލޭން ވަނީ ލިވަޕޫލް އަށް 41 މެޗު ކުޅެދީ ފަސް ގޯލު ކާމިޔާބުކޮށްދީފައެވެ.