ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ބްރެޒިލްގެ އެޓޭކިންގް މިޑްފީލްޑަރު ފިލީޕެ ކުޓީނިއޯ ހޯދުމުގެ މަސަތްކަތް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް ފަށައިފިއެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ބަޔާނަށް ކުޅެމުން އަންނަނީ ސްޕެއިންގެ ބާސެލޯނާއާ ބަޔާނާ ދެމެދު ވެވުނު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ކުޓީނިއޯ މަޑުކުރުވަން ބަޔާނުން ބޭނުންނަމަ ބާސެލޯނާ އަށް 120 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް އެ ކްލަބުން ދައްކަން ޖެހެ އެވެ.

މި ސީޒަނުގައި ބަޔާނަށް ކުޅެދިން 22 މެޗުގައި 8 ގޯލު ޖަހައިދިން ކުޓީނިއޯ އަށް ފަހަކަށް އައިސް ބަޔާން ކުޅޭ މެޗުތަކުގައި، އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބެ އެވެ. ކުޓީނިއޯ އަށް އެދެވޭ ކުޅުމެއް ނުދެއްކޭތީ މި ސީޒަނަށްފަހު އޭނާގެ އެއްބަސްވުން ދާއިމީ ނުކުރަން ބަޔާނުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަނެއްކޮޅުން އެނބުރި ބާސެލޯނާ އަށް ގޮސް ބްރެޒިލް މިޑްފީލްޑަރަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމަކީ ދުރު ކަމަކަށްވާއިރު އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ބާސާ އިން އޭނާ ވިއްކާލާނެ ކަމަށް ބެލެވެއެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުގައިވާ ގޮތުން ކުޓީނިއޯގެ ސޮއި ހޯދުމާއި އެންމެ ގާތުގައި މިވަގުތު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ގެނައި ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭސް އާއެކު ޔުނައިޓެޑްގެ މެދުތެރެ ހަމައަކަށް އެޅިގެންދިޔަ ނަމަވެސް އެ ކްލަބުން އޮތީ ކުޓީނިއޯ ގެނެސް ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ތައްޔާރަށެވެ.

ޔުނައިޓެޑްގެ އިތުރުން އިންގްލަންޑުގެ ލެސްޓާ ސިޓީއާ ޓޮޓެންހަމުން ވެސް އަންނަނީ ކުޓީނިއޯ އަށް ފާރަލަމުންނެވެ.

ބާސެލޯނާ އިން ކުޓީނިއޯ ގަތީ މީގެ ދެ އަހަރު ކުރިން ލިވަޕޫލަށް 160 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. އެކަމަކު ބާސެލޯނާގައި ކުޓީނިއޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ އެ ޓީމުން އޭނާ ދޫކޮށްލީ އެވެ.

މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން ކުރިމަތިވާ މާލީ ގެއްލުންތަކާ ހެދި، ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބައެއް ކުޅުންތެރިން ވިއްކާލުމަށް ބާސާ އަށް މަޖުބޫރުވާނެ ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ. މިހާރުވެސް އެ ކްލަބުން ވަނީ ވައިރަހުގެ ސަބަބުން ފުޓްބޯޅަ ހަރަކާތްތައް ހުއްޓި، ކްލަބަށް ލިބޭ އާމްދަނީ މަދުވުމުގެ ސަބަބުން ކުޅުންތެރިންގެ މުސާރައިން 70 އިންސައްތަ އުނިކުރަން ނިންމައިފައެވެ.