މި ސީޒަނަށްފަހު ވެސް ފޯވަޑް ހެރީ ކޭން ކްލަބުގައި ބެހެއްޓޭނެ ކަމުގެ ޔަގީންކަން ޓޮޓެންހަމް ހޮޓްސްޕާސް އަށް އެބައޮތް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ޕްރެމިއާ ލީގުގެ ގަދަ ހަތަރަކުން ކަޓައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޓޮޓެންހަމަށް ޖާގަ ނުލިބުމުގެ ބިރު ބޮޑުވެފައިވުމާއެކު ކޭން އެ ކްލަބް ދޫކޮށްދާން އުޅޭކަމުގެ އަޑުތައް ވަނީ ފަހަކަށް އައިސް ވަރަށް ގަދަވެފައެވެ.

ކްލަބް ދޫކޮށް ދިއުމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ކޭން ބުނީ އޭނާގެ އަމާޒަކީ ކެރިއަރުގައި ވީހާވެސް ގިނަ ތަށިތަކެއް ކާމިޔާބުކުރުން ކަމަށެވެ. އަދި ޓޮޓެންހަމުން މުބާރާތަކުގައި ރަނގަޅު ވާދައެއް ނުކުރާނަމަ އެ ކްލަބުގައި މަޑުކުރުމުގެ މާނައެެއް ނެތް ކަމަށާއި ކުޅެން ބޭނުންވަނީ ތަށިތައް ކާމިޔާބުކުރެވޭ ފެންވަރު ހުރި ކްލަބަކަށް ކަމަށެވެ.

ކޭން ވިއްކާލަން ޖެހިދާނެކަމުގެ ބިރު އޮތަސް ޓޮޓެންހަމް އޮތީ އެއްވެސް ހާސްކަމެއް ނެތި ހަމަޖެހިލައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ 200 މިލިއަން ޔޫރޯ އަށް ވުރެ ދަށް އަގަކަށް އެ ކްލަބުން އޭނާ ނުވިއްކާނެތީ އެވެ. ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ބުނީ ކޭން އަކީ އެ ކްލަބުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށާއި އޭނާ ވިއްކާލާނީ އެވަރުގެ ބޮޑު ހުށަހެޅުމެއް އައިސްގެން އެކަނި ކަމަށެވެ.

ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ހެދި ފުޓްބޯޅަ ހަރަކާތްތައް ހުއްޓި، ކްލަބުތަކަށް މާލީ ގޮތުން ކުރިމަތިވަމުންދާ ގެއްލުންތަކާ ހެދި އަންނަ ޓްރާންސްފާ ބާޒާރުގައި އެއްވެސް ކްލަބަކުން ކުޅުންތެރިއަކަށް 200 މިލިއަން ޔޫރޯގެ ބޮޑު ފީ އެއް ދައްކާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ލެވީ ވަނީ ބުނެފައެވެ. އެހެންކަމުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ނުލިބިއްޖެ ޙާލަތެއްގައިވެސް ކޭން ކްލަބުގައި ބެހެއްޓޭނެކަމުގެ ފުރިހަމަ ޔަގީންކަން ޓޮޓެންހަމަށް އެބައޮތެވެ. އަނެއްކޮޅުން ކްލަބާއެކު އެންމެ ފަހުން ކޭން ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ 4 އަހަރު އޮތުމުން އޭނާ ވިއްކާލުމުގެ އެއްވެސް ޕްރެޝަރެއް ވެސް އެ ކްލަބަށް ނެތެވެ.

ދެފައިންވެސް ބާރަށް ބޯޅައިގަ ޖަހާ އަދި ގޯލާ ރައްޓެހި ކޭން އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ފޯވަޑުންގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ޓޮޓެންހަމް ދޫކޮށްލަން އުޅޭކަމުގެ އަޑުތަކާއެކު އިންގްލަންޑުގެ ވަރުގަދަ ކްލަބުތައް ވަނީ އެލާޓަށް އައިސްފައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީން ވެސް އަންނަނީ 26 އަހަރުގެ ކުޅުންތެރިޔާ އަށް ފާރަލަމުންނެވެ.

އިނގިރޭސި ފޯވަޑް ކޭން މިވަގުތު ހުރީ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައެވެ. ކޭންގެ ފަލަމަސްގަނޑާއި ކުޑަ ހުޅަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު ތެރެއިންނެވެ. އަނިޔާވުމުން ކޭން ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

މި އަނިޔާއާ ބެހޭގޮތުން ޓޮޓެންހަމްގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނީ ކޭން އަށް ލިބިފައިވާ އަނިޔާ ހީކުރި ވަރަށް ވުރެން ގޯސްވުން އެކަށީގެންވާ ކަމަށާއި އަނިޔާއިން ރިކަވާވެ ކުޅުމުގެ ތެރެއަށް އޭނާ އަށް އާދެވޭ ވަރު ވާނީ އަންނަ މެއި މަހު ނުވަތަ އާ ސީޒަން ފެށެންވާ އިރަށް ކަމަށެވެ.