ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާގައި ތާށިވެފައި ތިބި ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަކި ފްލައިޓެއްގައި ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދޮގުކުރައްވައިފިއެވެ.

ލަންކާގައި ޓީސީ ފުޓްބޯޅަ ޓީމު ކަރަންޓީނު ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ބަންގުލަދޭޝްގެ ބަށުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރާއްޖެ ނާދެވި ޓީސީގެ ކުޅުންތެރިން ލަންކާގައި ތާށިވީ ކަރަންޓީނުގެ މުއްދަތު ހަމަވުމުގެ ކުރިން ވައިރަހާ ހެދި ލަންކާ ފުރަބަންދު ކުރުމުންނެވެ.

ލަންކާގައި 14 ދުވަސް ވަންދެން ޓީސީ ކުޅުންތެރިން ކަރަންޓީނު ކުރަން ނިންމީ ބަންގްލަދޭޝްގައި އޭރު ވައިރަސް ފެތުރެމުން ދިއުމުގެ ސަބަބުން އެ ގައުމުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފައި އޮތުމުންނެވެ. ވައިރަހާ ހެދި ލަންކާގައި ކާފިއު އިއުލާނު ކޮށްފައިވާއިރު ވައިގެ ދަތުރުފަތުރުތައް ވެސް ވަނީ މެދުކަނޑާލައިފައެވެ.

ޓީސީ ޓީމު ރާއްޖެ ގެނައުމަށް ކުރަމުންދާ މަސަތްކަތަށް ހުރަސް އެޅިފައި އޮތް ނަމަވެސް މޯލްޑިވިއަންގެ ކާގޯ ފްލައިޓެއްގައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ވާހަކަތައް ދަނީ ފެތުރެމުންނެވެ. ރާއްޖެ އަށް ބޭނުންވާ ބައެއް ކާބޯތަކެތި ގެނައުމަށް ކޮންމެ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ކާގޯ ފްލައިޓެއް އެ ގައުމަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއްގައި ޓީސީ ޓީމު ރާއްޖެ ގެންނަން އުޅޭ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދޮގުކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ޓީސީގެ ޓީމް، ވަކި ފްލައިޓެއްގައި ރާއްޖެ ގެންނަން މަސައްކަތްް ކުރެވޭ ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އަދި އެފަދަ މަޝްވަރާއެއްވެސް މިހާތަނަށް ކުރެވިފައިނުވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ އެހެން ރައްޔިތުންނެކޭ އެއްގޮތަށް ޓީމު ވަނީ ލަންކާގައި ތާށިވެފައި ކަމަށާއި ލަންކާ އެއާޕޯޓް ހުޅުވުނުހާ އަވަހަކަށް ދިވެހި ކުޅުންތެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން މި ވަގުތު ތިބީ ލަންކާގެ މެރީނޯ ބީޗް ހޮޓަލުގައެވެ.

ލަންކާގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 146 އަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަމިއްޓޭ

    އިންތިހާއައް އަގުވެސް ބޮޑު ހޮޓަލެއް އެއީ

  2. އަހްމަދު

    މިވެސްކޮށްލެވުނުމޮޅުކަމެއްތާ އަނެއްކާމާލެއައިސް 14 ދުވަސް ތަނެއްގަމަޑުކުރީމަ ރޯދަމަސްފެށޭއިރުވެސް ގެއާހަމަޔަށް ނާދެވޭނެ މިއީވެސް ސަރުކާރުންކުރި ބޭކާރުހަރަދެއްނޫންބާ ލަންކާއެއަރޕޯޓު ބަންދުކުރުމުގެކުރިން މިމީހުންމާލެގެނައިނަމަ ހަމަގައިމުވެސް މިހޮޓަލައްސަރުކާރުންކުރާ ހަރަދު ނުކޮށްފަރުޖެހުނީސްދޯ