ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރޯގާއާ ހެދި މެދުކަނޑާލާފައިވާ އިނގިރޭސި ޕްރެމިއާ ލީގު އަލުން ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އާއި ޗެލްސީގެ ވިންގާ ކަލުމް ހަޑްސަން-އޮޑޯއީ އަށް ކޮވިޑް-19 ބަލި ޖެހުމާ އެކު ޕްރިމިއާ ލީގު މެދުކަނޑާލަން އިނގިރޭސި އެފްއޭ އިން ނިންމީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ ފަހުން މި މަހުގެ ކުރީކޮޅު ލީގު އަލުން ފަށަން ތާވަލުކުރި ނަމަވެސް ފަހުން ކްލަބްތަކާ އެކު ބޭއްވި ވީޑިއޯ ކޮންފަރެންސަށް ފަހު އިނގިރޭސި އެފްއޭ އިން ނިންމީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ލީގު މެދުކަނޑާލުމަށެވެ.

މި ސީޒަން ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމްކުރެވޭނެ އިރެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ބުނަން ނޭނގޭތީވެ ލީގު ފެށޭނެ ސީދާ ތާރީހެއް އޮތީ އަދި މިހާތަނަށް އޮތީ ކަނޑަނޭޅިއެވެ. ޔޫރަޕްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އަދިވެސް އިތުރު ވަމުން އަންނާތީ އިނގިރޭސި އެފްއޭ އިން މިހާރު ނިންމާފައިގޮތުން ލީގާއި އެހެނިހެން މުބާރާތްތައް އަލުން ފަށާނީ ވައިރަސް ފެތުރުން ހަމައަކަށް އެޅި ހާލަތު މުޅިން ރަނގަޅުވީމައެވެ. މިހެން ނިންމާފައިވަނީ ކްލަބުތަކާއެކު މިއަދު އެ އިދާރާ އިން ބޭއްވި ކުއްލި ބައްދަލުވުމުގައެވެ.

މިއަދުގެ ބައްދަލުވުމަށްފަހު އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ ހާލަތު ރަނގަޅު ވަންދެން ލީގު ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އަންނަ ސީޒަން ފެށުމުގެ ކުރިން މިސީޒަން ފުރިހަމަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސަތަކަތެއް ކުރާނެ ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ ހަ ޕޮއިންޓެވެ. މާޗް މަހުގެ 9 ގެ ފަހުން ލީގު މެޗެއް ކުޅެފައިނުވާއިރު ގިނަ ޓީމުތަކަށް ބާކީ އަދި 9 މެޗު އެބައޮތެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ފެނިފަ އެވެ. މި ވައިރަހާ ހެދި ޔުއެފާ އިން ވަނީ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.