އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި، ބާސެލޯނާ އަށް ކުޅެމުން އަންނަ ކްރޮއޭޝިޔާގެ މިޑްފީލްޑަރު އީވާން ރަކިޓިޗް ބަދަލުވުން އެންމެ ކައިރީ އެތްލެޓިކޯ މެޑްރިޑަށް ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ބާސާ އިން ރަކިޓިޗް ވިއްކާލުމުގެ މަސަތްކަތް ފަށާފައިވާއިރު ދެން އަންނަ ޓްރާންސްފާ ބާޒާރެއްގައި އޭނާ ގަތުމަށް އެތްލެޓިކޯ މެޑްރިޑް އޮތީ ތައްޔާރަށް ކަމަށް ސްޕެއިންގެ ނޫސްތަކުގަައި ވަނީ ރިޕޯޓްކޮށްފައެވެ. ގާތްގަނޑަކަށް 17 މިލިއަން ޔޫރޯ އަށް ރަކިޓިޗްގެ ސޮއި ހޯދަން އެތްލެޓިކޯ އިން މަސަތްކަތް ކުރަމުން އަންނައިރު ސްޕެއިންގެ ސެވިއްޔާ އިން ވެސް އަންނަނީ މި ކުޅުންތެރިޔާ އަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ރަކިޓިޗް ގަތުމަށް ސެވިއްޔާ އިން މިހާތަނަށް އެއްބަސްވެފައިވަނީ 15 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށެވެ. އެހެންނަމަވެސް ބާސާ އިން ބޭނުންވަނީ ރަކިޓިޗް 20 މިލިއަން ޔޫރޯ އަށް ވުރެ ދަށް ނޫން އަގަކަށް ވިއްކާލުމަށެވެ.

އެތްލެޓިކޯ އާއި ސެވިއްޔާގެ އިތުރުން އިންގްލަންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އިންޓަ މިލާނުން ވެސް އަންނަނީ ރަކިޓިޗް އަށް ފާރަލަމުންނެވެ. އިޓަލީގެ ޔުވެންޓަސް އިން މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ރަކިޓިޗް އެ ކްލަބަށް ގެންދިއުމާއި ގާތަށް ޖެހިލި ނަމަވެސް ފަހު ވަގުތު އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ.

ސްޕެއިންގެ ނޫސްތަކުގައިވާ ގޮތުން ރަކިޓިޗް ބާސާ ދޫކޮށްލައިފިނަމަ، އޭނާ ބަދަލުވުން އެންމެ ކައިރީ ސްޕެއިންގެ ކްލަބަކަށެވެ. ސެވިއްޔާ އަކީ އޭނާ ކުރިން ކުޅުނު ކްލަބު ކަމަށް ވުމާއެކު އެ ކްލަބުގެ ސަޕޯޓަރުންގެ މެދުގައި އޭނާ އަކީ މަގުބޫލު ކުޅުންތެރިއެކެވެ. އަނެއްކޮޅުން އެތްލެޓިކޯ އަކީ ސްޕެނިޝް ލީގު އަދި ޗެމްޕިއަންސް ލީގުގައިވެސް ރަނގަޅު ވާދައެއް ކުރާ ޓީމަކަށްވުމާއެކު ރަނގަޅު ހުށަހެޅުމެެއް އައިސްފިނަމަ ރަކިޓިޗް އެ ކްލަބަށް ބަދަލުވުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.

ކްރޮއޭޝިޔާ އާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކުރި ރަކިޓިޗް ބާސާއާ ގުޅުނީ 2014 ވަނަ އަހަރުއެވެ. ބާސާ އިން އޭނާ ކޭމްޕް ނައު އަށް ގެނައީ 18 މިލިއަން ޔޫރޯގެ ފީ އަކަށެވެ. ބާސާއާ ގުޅުމަށްފަހު ރަކިޓޗް ވަނީ މިދިޔަ ހަ އަހަރު ތެރޭ އެ ކްލަބާއެކު ސްޕެނިޝް ލީގް ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގް 2015 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ.

ބާސާ އިން މިދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގެ ފަހަތުގައި ރަކިޓިޗްގެ ބޮޑު ހިއްސާއެއް އޮތް ނަމަވެސް ފަހަކަށް އައިސް ފޯމް ދަށްވެ ކްލަބުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދުމުގައި އޭނާ އަށް ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ. ރަކިޓިޗްގެ ބަދަލުގައި ޓީމުން މިހާރު ފުރުސަތު ލިބެނީ ފްރެންކީ ޑިޔޮންގް އާއި އަރްތުރް އާއި ސާޖިއޯ ބުސްކެޓްސްގެ އިތުރުން އަރްޓޫރޯ ވިޑާލް އަށެވެ.