އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓްގެ މުސާރައިން 30 އިންސައްތަ އުނިކުރަން ނިންމައިފިއެވެ.

ސައުތުގޭޓުގެ މުސާރަ ކުޑަ ކުރަން އޭނާ އެއްބަސްވެފައިވާ ކަމަށް އިނގިރޭސި ބޮޑެތި ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. މުސާރަ ކުޑަކުރަން އިނގިރޭސި ކޯޗު އެއްބަސްވެފައިމިވަނީ ކޮރޯނާވައިރަހުގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިކަމާ ހެދި ޕްރިމިއާ ލީގުގެ ކުޅުންތެރިން އަހަރީ މުސާރައިން 30 ޕަސެންޓުގެ އަދަދެއް އުނިކުރަން، ކްލަބްތަކުން މަސަތްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ގެރެތު ސައުތުގޭޓްގެ މުސާރައިން 30 އިންސައްތަ އުނިކުރަން ނިންމިއިރު، އިނގިރޭސި ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިންގެ މުސާރަ އިން ވެސް ވަރަށް އަވަހަށް 30 އިންސައްތަ އުނިކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންނަމަވެސް ޕީއެފްއޭ އިން ވަނީ އެ ޔޫނިއަންގައި ރަޖިސްޓްރީވެފައިވާ އެއްވެސް ކުޅުންތެރިޔަކު މުސާރަ ކުޑަކުރަން އެއްބަސްނުވާން އަންގައިފަ އެވެ.

ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރަ ކުޑަނުކުރާތީ ސިޔާސީ ފަރާތްތަކުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. ކްލަބުތަކުގެ ކުޅުންތެރިންގެ މުސާރަ ކުޑަނުކޮށް، ބައެއް ކްލަބުތަކުން ވަނީ މުވައްޒަފުންނަށް މުސާރަ ނުދޭ ގޮތަށް ޗުއްޓީ ދީފައެވެ. އެގޮތުން ލިވަޕޫލް، ނިއުކާސަލް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް، ބޯންމަތު އަދި ނޯވިޗް ސިޓީން ވަނީ އެ ކްލަބްތަކުގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ނޯޕޭ އަށް ފޮނުވާލައިފައެވެ.

ޕްރެމިއާ ލީގާ ހިލާފަށް ޔޫރަޕްގެ އެހެން ބޮޑެތި ލީގުތަކުގެ ކްލަބުތަކުން އަންނަނީ މި ހާލަތުގައި އެ ކްލަބުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދިނުމަށްޓަކައި ކުޅުންތެރިންގެ މުސާރަ ކުޑަކުރަމުންނެވެ. އެގޮތުން ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑްގެ އިތުރުން އިޓަލީގެ ޔުވެންޓަސްގެ ކުޅުންތެރިންގެ މުސާރަ އަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ކޮރޯނާ ވައިރަހާ ހެދި މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، މި ސީޒަން ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމްކުރެވޭނެ އިރެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ބުނަން ނޭނގޭތީވެ ލީގު ފެށޭނެ ސީދާ ތާރީހެއް އޮތީ އަދި މިހާތަނަށް އޮތީ ކަނޑަނޭޅިއެވެ. ޔޫރަޕްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އަދިވެސް އިތުރު ވަމުން އަންނާތީ އިނގިރޭސި އެފްއޭ އިން މިހާރު ނިންމާފައިގޮތުން ލީގާއި އެހެނިހެން މުބާރާތްތައް އަލުން ފަށާނީ ވައިރަސް ފެތުރުން ހަމައަކަށް އެޅި ހާލަތު މުޅިން ރަނގަޅުވީމައެވެ.