ކޮރޯނާވައިރަސް ރޯގާއާ ގުޅިގެން އަވައްޓެރި ސްރީލަންކާގައި ތާށިވެފައި އޮތް ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން ރާއްޖެ ގެނެސްފި އެވެ.

ލަންކާގައި ޓީސީ ފުޓްބޯޅަ ޓީމު ކަރަންޓީނު ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ބަންގުލަދޭޝްގެ ބަށުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރާއްޖެ ނާދެވި ޓީސީގެ ކުޅުންތެރިން ލަންކާގައި ތާށިވީ ކަރަންޓީނުގެ މުއްދަތު ހަމަވުމުގެ ކުރިން ވައިރަހާ ހެދި ލަންކާ ފުރަބަންދު ކުރުމުންނެވެ.

ލަންކާގައި 14 ދުވަސް ވަންދެން ޓީސީ ކުޅުންތެރިން ކަރަންޓީނު ކުރަން ނިންމީ ބަންގްލަދޭޝްގައި އޭރު ވައިރަސް ފެތުރެމުން ދިއުމުގެ ސަބަބުން އެ ގައުމުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފައި އޮތުމުންނެވެ. ވައިރަހާ ހެދި ލަންކާގައި ކާފިއު އިއުލާނު ކޮށްފައިވާއިރު ވައިގެ ދަތުރުފަތުރުތައް ވެސް ވަނީ މެދުކަނޑާލައިފައެވެ.

ޓީސީ ޓީމު މިރޭ ރާއްޖެ ގެނައީ، ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރި ހާއްސަ ދަތުރުގައެވެ. ރާއްޖެ އައުމާއެކު ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ކަނޑައަޅާ ވަކިތަނެއްގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރާނެ އެވެ.

ސަރުކާރުން މި ވަގުތު ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ރާއްޖޭން ބޭރުން އަންނަ ކޮންމެ މީހެއް ވެސް 14 ދުވަހަށް ކަރަންޓީނު ފެސިލިޓީ އަށް ގެންދާނެ އެވެ.

ލަންކާގައި ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ކަރަންޓީނުގެ މުއްދަތު ހޭދަކުރީ މެރީނޯ ބީޗު ހޮޓަލުގަ އެވެ. ޓީސީގެ ޚަރަދުތައް ހަމަޖެއްސީ ސަރުކާރުންނެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލާފައިވާއިރު، އޭއެފްސީން ވަނީ މާޗު މަހާއި އޭޕްރީލް މަހު ކުޅެން ތާވަލުކޮށްފައި ހުރި އޭއެފްސީ ކަޕްގެ މެޗުތައް ފަސްކޮށްފައެވެ.

މުޅި ދުނިޔޭން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 1،200،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މި ބަލީގައި މިހާތަނަށް 68000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނޯ ކޮމެންޓް

  ލަންކާއިން މީހުން ގެންނަ ނަމުގަ ފްލައިޓް މިބޭއްވީ މިމީހުން ގެންނަން ދޯ. އޮޅުވާލިޔަސް ބޮޑުވަރު.

  29
  2
 2. ރައްޔިތުމީހާ

  މިފަދަ ދަޑިވަޅެއްގައިވެސް ގައިދުރު ކަމެއް ނުވަތަ ޝޯޝަލް ޑިސްޓެންސެއް ނެތި ހުރިހާ މީހުން އެއްބޮޑިއަކަށް ހުއްޓިގެން ހުރެ ފޮޓޯ ނެގުން. މި އުޅެނީ ފޮޓޯ ނުނެގިގެންތަ؟ ދެއްކުން ތެރި ކަމުން ގޮސް ހައްދުފަހަނަ އަޅާފައި ތިތިބީ.

  8
  1
 3. ކަޅުު ބުޅާ

  ބަޔަ ކު މިޓީމު ނުގެނެވިގެން އެފްބީގަ ލިޔެލާއިރަށް ގެނެސް ދީފި.

  2
  1
 4. ާއަހުމަދު

  ޓީސީ ގެނައި ގޮތަށް ބޭރުގައި އުޅޭ ހުރިޖހާދިވެހިން ވެސް ގެނެސްދޭތި

 5. ާއަހުމަދު

  މަހުލޫފު ޓީސީެނައިގޮތަށް ބޭރުގައިއަންނަން ބޭނުންވެފަ ތިބިހުރހާމީހުންވެސް ގެންނާތި

 6. ޖުމް

  ތި އެންމެން ގެންނާނެ ކަމެއްނެތޭ. ތިބިތާކު ބައިތިއްބަބަލަ.