ކޮރޯނާވައިރަހުގެ ސަބަބުން ދިމާވެދާނެ މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ކްލަބުގައި މަސައްކަތް ކުރަމުން އަންނަ އެއްވެސް މުވައްޒަފެއް މުސާރަ ނުދީ ޗުއްޓީ އަށް ނުފޮނުވާނެ ކަމަށް ޕްރިމިއަ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ބުނެފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވާ އެކިއެކި މާލީ މައްސަލަތައް ހައްލުކުރުމަށް އިނގިރޭސި ސަރުކާރުން ކުރާ މަސައްކަތުގައި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވެސް އެއްބާރުލުންދީ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އެގައުމުގެ ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކްލަބަކުން ކުޅުންތެރިންގެ މުސާރައަށް ބަދަލެއް ގެނެސްފައިނުވާ އިރު އޭގެ ބަދަލުގައި ބައެއް ކްލަބުތަކުން ވަނީ މުވައްޒަފުންނަށް ނޯ ޕޭ ލީވް ދީފައެވެ.

ފާއިތުވެދިޔަ ދެ އަހަރު ލީގް ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ އިން ބުނީ އެ ކްލަބުގެ އެއްވެސް މުވައްޒަފަކަށް ނޯ ޕޭ ލީވް އެއް ނުދޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މުވައްޒަފުންގެ މުސާރަތައް ބަރާބަރަށް ހަމަޖައްސައިދެމުން ގެންދާނެ ކަމަށެވެ.

ސިޓީން މިގޮތަށް އަމަލުކުރަން ނިންމި އިރު ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ތެރެއިން ނިއުކާސަލް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް، އޭއެފްސީ ބޯންމައުތު އަދި ނޯވިޗް ސިޓީގެ އިތުރުން މި ސީޒަންގެ ލީގް ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ވަނީ އެ ކްލަބުގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް ވަގުތީ ގޮތުން މަސަތްކަތަށް ނުނިކުމެ ގޭގައި މަޑުކުރަން އަންގައިފައެވެ.

އިނގިރޭސިވިލާތުގައި މިގޮތަށް ނޯޕޭ އަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 ޕަސަންޓު ލިބެއެވެ.

ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުގެ މުވައްޒަފުން ނޯޕޭއަށް ފޮނުވާލަމުން އަންނައިރު، އެކަމާ ގުޅިގެން އެ ކްލަބުތަކަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. ލިވަޕޫލްގެ ކުރީގެ ކެޕްޓަން ޖޭމީ ކަރޭގާ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަން ފެތުރިގެން އައި ދުވަސްކޮޅު ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ ހައްގުގައި ވަކާލާތުކޮށް ހެދުމުގައި ލިވަޕޫލްގެ މެނޭޖްމަންޓުން ނަމޫނާ ދެއްކި ކަމަށާއި ނަމަވެސް ލިވަޕޫލުން އެ ކްލަބްގެ މުވައްޒަފުންނާ ދޭތެރޭ އަމަލުކުރި ގޮތުން އެ ހުރިހާ ކަމެއް ނެތިގެން ގޮސްފި ކަމަށެވެ.

އިންގްލެންޑް ކުޅުންތެރިންގެ ހައްގުގައި އުފައްދާފައިވާ ޔޫނިއަން ޕީއެފްއޭ އިން ވަނީ އެ ޔޫނިއަންގައި ރަޖިސްޓްރީވެފައިވާ އެއްވެސް ކުޅުންތެރިޔަކު މުސާރަ ކުޑަކުރަން އެއްބަސްނުވާން އަންގައިފައެވެ. ޕީއެފްއޭ އިން މިހެން ބުނީ ޕްރިމިއާ ލީގަކީ އާމްދަނީ ވަންނަ ބޮޑު ލީގެއް ކަމުން، މި މުއްދަތުގައި ކުޅުންތެރިންގެ މުސާރަ ކުޑަކޮށްގެން ބައެއް ކްލަބްތަކުން އޭގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮތުމުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގަކީ ޔޫރަޕްގެ އެހެން ބޮޑެތި ލީގުތަކާ އަޅާބަލާއިރު މާބޮޑަށް ވެސް ތަނަވަސް ލީގެކެވެ. ނަމަވެސް ކުޅުންތެރިންގެ މުސާރަ އަށް ބަދަލު ނުގެނެސް، ކްލަބްތަކުން މުވައްޒަފުން ނޯޕޭއަށް ފޮނުވާލަމުން އަންނައިރު ޔޫރަޕްގެ އެހެން ލީގްތަކުގެ ކްލަބުތަކުން އަންނަނީ މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދިނުމަށްޓަކައި ކުޅުންތެރިންގެ މުސާރަ ކުޑަކުރަމުންނެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އަދި އެތްލެޓިކޯ މެޑްރިޑާއި އިޓަލީގެ ޔުވެންޓަސްގެ އިތުރުން ޖަރުމަންގެ ގިނަ ކްލަބުތަކެއްގެ ކުޅުންތެރިންގެ މުސާރައަށް ވަނީ ބަދަލުގެނެސްފައެވެ.