ކޮރޯނާވައިރަހުގެ ސަބަބުން މިދިޔަ މަހު ޖަރުމަނުގެ ފުޓްބޯޅަ ލީގް މެދުކަނޑާލި ފަހުން ފުރަތަމަ ފަހަރަށް ކްލަބުގެ ފަރިތަކުރުންތައް ބޭއްވުމަށް ޗެމްޕިއަން ބަޔާން މިއުނިކް އިން ތައްޔާރުވެއްޖެ އެވެ.

މިއަހަރުގެ ކުރީކޮޅު ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަސް (ކޮވިޑް-19) ވައިރަސް ޔޫރަޕާ ހަމައަށް ފޯރައި ނުރައްކާތެރި ބަލިމަޑުކަމަކަށް ބަދަލުވުމާއި ގުޅިގެން ޖަރުމަން ބުންޑެސްލީގާ އާއި އެ ގައުމުގެ ދެ ވަނަ ޑިވިޝަނުގެ ކުޅުން މެދުކަނޑާލަން ޑީއެފްއެލް އިން ނިންމީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.

ޑީއެފްއެލް އިން އެންމެ ފުރަތަމަ އެ ގައުމުގެ ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލަން ނިންމީ ދެ ހަފުތާ އަށެވެ. އެކަމަކު އެ ގައުމުގައި ބަލި ފެތުރޭ ނިސްބަތް އިތުރުވުމާ އެކު، ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު ކުއްލި ބައްދަލުވުމެއް ބާއްވައި ލީގު އަލުން ފެށުން ފަސްކުރަން އެ އިދާރާ އިން ވަނީ މިދިޔަ ހަފުތާގައި ނިންމައިފައެވެ.

ޖަރުމަނުގައި ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލި ފަހުން މިހާތަނަށް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް އެގައުމުގައި ކުރިއަށްގެންގޮސްފައިނުވާއިރު ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޑީއެފްއެލް އިން ވަނީ އިއްޔެގެ ނިޔަލަށް ކްލަބްތަކުގެ ޓްރެއިނިންގްތައް މެދުކަނޑާލަން އިލްތިމާސްކޮށްފައެވެ.

ފަރިތަކުރުންތައް މެދުކަނޑާލަން ޑީއެފްއެލް އިން އެންގި މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވުމާއެކު ބަޔާން މިއުނިކް އިން ވަނީ އެ ކްލަބުގެ ޓްރެއިނިންގް އަލުން ފެށުމަށް ނިންމައިފައެވެ.

ބަޔާނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ކްލަބުގެ ފަރިތަކުރުންތައް މިއަދު ފެށުމަށް ނިންމާފައިވާ ކަމަށާއި ޓްރެއިނިންގް ކުރިއަށްގެންދާނީ ކަމާއިބެހޭ ފަރާތްތަކުން ދީފައިވާ ލަފަޔާ އެކު ކަމަށެވެ. އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓްރެއިނިންގް ކުރިއަށް ގެންދާނީ ސަޕޯޓަރުންނަށް ނުވަދެވޭނެހެން ބަންދުކޮށްގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބުންޑެސްލީގާ ފެށުން ފަސްކޮށްފައިވާއިރު ގިނަ ޓީމުތަކަށް ބާކީ އޮތީ ނުވަ މެޗެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 55 ޕޮއިންޓާ އެކު ބަޔާން މިއުނިކެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 51 ޕޮއިންޓް ހޯދައިގެން ބޮރޫޝިއާ ޑޯޓްމަންޑެވެ.

ޔޫރަޕްގެ ޑޮމެސްޓިކް ލީގުތައް އަންނަ ޖޫން 30 ގެ ނިޔަލަށް ފުރިހަމަ ކުރަން ޔުއެފާ އިން ކުޅިވަރު އެސޯސިއޭޝަންތަކަށް ގޮވާލާފައިވާތީއާއެކު، ޑީއެފްއެލް އިން އަންނަނީ އެ ތާރީހުގެ ކުރިން ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެގެން ނަމަވެސް ބުންޑެސްލީގާ ސީޒަން ފުރިހަމަ ކުރުމަށް މަސަތްކަތް ކުރަމުންނެވެ.