ސަޕޯޓަރުންގެ ކިބައިން މާފަށް އެދުމަށްފަހު، ކްލަބުގައި މަސަތްކަތް ކުރަމުން އަންނަ ގިނަ އަދަދެއްގެ މުވައްޒަފުންނަށް މުސާރަ ނުދޭ ގޮތަށް ޗުއްޓީ އަށް ފޮނުވާލުމަށް ނިންމި ނިންމުން ލިވަޕޫލުން ބަދަލުކޮށްފި އެވެ.

ކޮރޯނާ ވައިރަހާ ހެދި ޕްރެމިއާ ލީގް ހުއްޓާލުމުން ކުރިމަތިވަމުން އަންނަ މާލީ ގެއްލުންތަކަށް ލުޔެއް ހޯދުމުގެ ގޮތުން ލިވަޕޫލުން ވަނީ މިދިޔަ ހަފުތާގައި އެ ކްލަބުގެ 200 އެއްހާ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ނިންމައިފައެވެ. ދުނިޔޭގެ 7 ވަނަ އަށް އެންމެ މުއްސަނދި ކްލަބް އަދި މިދިޔަ ސީޒަނުގައި އެންމެ ބޮޑު އާމްދަނީ އެއް ހޯދި ކްލަބުގެ ގޮތުގައި އޮވެ ލިވަޕޫލުން މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އެކި ފަރާތްތަކުގެ ފާޑުކިޔުންތައް އެ ކްލަބަށް އަމާޒުވިއެވެ.

އެހެން ކްލަބުތަކާ ހިލާފަށް ލިވަޕޫލަކީ އިނގިރޭސިވިލާތުގައި ހައިބަތު ބޮޑު އަދި އެންމެ ބޮޑު އާމްދަނީ އެއް ވަންނަ އެއް ކްލަބަށްވުމާއެކު، މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރި ގޮތުން އެ ކްލަބުގެ އަމިއްލަ ސަޕޯޓަރުންވެސް ވަނީ ފާޅުގައި ކްލަބުގެ މެނޭޖްމަންޓަށް ފާޑުކިޔައިފައެވެ. އެހެންނަމަވެސް ހުރިހާ ކޮޅަކުން އައި ޕްރެޝަރާއެކު ލިވަޕޫލުން އެންމެ ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް މުވައްޒަފުން ނޯ ޕޭ އަށް ނުފޮނުވާން ނިންމައިފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ ސީއީއޯ ޕީޓާ މޯ ވިދާޅުވީ މީގެ ކުރިން އެ ކްލަބުން ނިންމި ނިންމުމަކީ އެންމެ ރަނގަޅަށް ވިސްނާފައި ކުރި ކަމެއް ނޫން ކަމަށާއި، އެކަން ބަދަލުކޮށް މުވައްޒަފުން ނޯ ޕޭ އަށް ނުފޮނުވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ލިވަޕޫލްގެ އެންމެހާ ސަޕޯޓަރުންނާއި ކުޅުންތެރިންނާއި މުވައްޒަފުންގެ ކިބައިން މާފަށް އެދޭ ކަމަށާއި ކްލަބުން މަސަތްކަތް ކުރަމުން ދާނީ ހުރިހާ ކްލަބަށް ނިސްބަތްވާ ހުރިހާ އެންމެނަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭން ކަމަށެވެ.

އިނގިރޭސިވިލާތުގައި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 އިންސައްތަ ލިބެއެވެ.

ޕްރިމިއާ ލީގަކީ ޔޫރަޕްގެ އެހެން ބޮޑެތި ލީގުތަކާ އަޅާބަލާއިރު މާބޮޑަށް ވެސް ތަނަވަސް ލީގެކެވެ. ނަމަވެސް ކުޅުންތެރިންގެ މުސާރަ އަށް ބަދަލު ނުގެނެސް، ކްލަބްތަކުން މުވައްޒަފުން ނޯޕޭއަށް ފޮނުވާލަމުން އަންނައިރު ޔޫރަޕްގެ އެހެން ލީގްތަކުގެ ކްލަބުތަކުން އަންނަނީ މުވައްޒަފުންގެ މުސާރަ ބަރާބަރަށް ދިނުމަށްޓަކައި ކުޅުންތެރިންގެ މުސާރަ ކުޑަކުރަމުންނެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާ އަދި އެތްލެޓިކޯ މެޑްރިޑާއި އިޓަލީގެ ޔުވެންޓަސްގެ އިތުރުން ޖަރުމަންގެ ގިނަ ކްލަބުތަކެއްގެ ކުޅުންތެރިންގެ މުސާރައަށް ވަނީ ބަދަލުގެނެސްފައެވެ.