ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނު ގޯލްކީޕަރު މެނުއެލް ނޯޔާ މި ސީޒަނަށްފަހު އެ ކްލަބް ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 34 އަހަރުގެ ނޯޔާ ހުރީ މި ސީޒަނަށްފަހު އޭނާ އަށް ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ހުށަހަޅާ ޓީމަކަށް ބަދަލުވުމުގެ ވިސްނުމުގަ އެވެ. ދާދިފަހުން ނޯޔާ ވަނީ އުމުރުން 40 އަހަރު ވަންދެން ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށްވެސް ބުނެފަ އެވެ.

ނޯޔާއާ އެކު ބަޔާނުން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އޮތީ އަހަރެއްހާ ދުވަހެވެ. ދެފަރާތުން ވެސް އެއްބަސްވުން އާ ކުރަން މަޝްވަރާކުރަމުން އަންނަނަމަވެސް ނޯޔާ ބޭނުންވާފަދަ އެއްބަސްވުމެއް އަދި މިހާތަނަށް ބަޔާނުން ހުށަހަޅައިފައެއް ނުވެއެވެ. ބަޔާނުން ނޯޔާ އަށް ދޭން ބޭނުންވަނީ ދެ އަހަރުގެ އެއްބަސްވުމެކެވެ. އެކަމަކު ނޯޔާ ވަނީ ފަސް އަހަރަށް ވުރެން ކުޑަ ކޮންޓްރެކްޓެއްގައި ސޮއިނުކުރާނެކަން އެ ކްލަބަށް އަންގައިފަ އެވެ.

ބަޔާންގެ ލެޖެންޑް ލޮތާ މެތަޔަސް ބުނީ މިސީޒަނަށްފަހު ނޯޔާ އެ ކްލަބުގައި މަޑުކުރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ސަބަބަކީ ޖަރުމަނު ގޯލްކީޕަރު އެދޭ ކޮންޓްރެކްޓަށް ބަޔާނުން އެއްބަސްވުމަކީ ދުރުގައިވާ ކަމަކަށްވާތީ ކަމަށެވެ.

" ހުރިހާ ދިމާލަކުން ވެސް މިފެންނަނީ ނޯޔާ ކްލަބު ދޫކޮށްދާ ތަން. އަހަންނަށް ހަގީގަތުގައި ގަބޫލުކުރެވޭ ނޯޔާ ދިގު ކޮންޓްރެކްޓަކަށް އެދޭ ސަބަބު ވެސް.އެހެންނަމަވެސް ފަސް އަހަރަކީ ވަރަށް ދިގު މުއްދަތެއް. މި ދަނޑިވަޅުގައި ނޯޔާ ހަނދާން ކުރަންވީ މިވީހާ ދުވަހު ބަޔާނުން އޭނާ އަށް ކޮށްދިންހާ ކަންތައްތައް. އަހަންނަށް ހީވާގޮތުން ދެފަރާތަށް ވެސް ފައިދާ ބޮޑުވާނެހެން ނޯޔާ އަދި ދެތިން އަހަރު މި ކްލަބުގައި މަޑުކޮށްފިއްޔާ. އެންމެ ރަނގަޅު ގޮތަކީ، އެންމެ ފުރަތަމަ ތިން އަހަރުގެ މުއްދަތަކަށް ކޮންޓްރެކްޓް އާ ކުރުން. އޭގެ ފަހުން ނޯޔާގެ ފިޓްނެސް ފުރުސަތު ދޭނަމަ ބަޔާނުން އަނެއްކާވެސް އޭނާގެ ކޮންޓްރެކްޓް އާ ކުރާނެ، " މީޑިއާ ތަކާއި ވާހަކަ ދައްކަމުން މެތަޔަސް ބުންޏެވެ.

ބަޔާން ދޫކޮށްލުމުގެ ވިސްނުން ނޯޔާ ގެންގުޅޭއިރު އޭނާ ހޯދުމަށް އިންގްލަންޑުގެ ޗެލްސީ އިން އަންނަނީ މަސަތްކަތް ކުރަމުންނެވެ. ޗެލްސީގެ ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާއާ މެދު އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ހިތްހަމަނުޖެހޭތީ އެ ޓީމުން ތަޖުރިބާކާރު ގޯލްކީޕަރެއް ހޯދުމުގެ މަސަތްކަތް ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަރުމަނުގެ ޝާލްކާ އިން 2004 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ނޯޔާ ބަޔާނަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. ބަޔާނާއެކު ހޭދަކުރި ނުވަ ސީޒަނުގައި ނޯޔާ ވަނީ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައެވެ.