ޔޫރޮޕާ ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

އާސެނަލްގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީކޮޅު ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތު އާސެނަލްގެ ފޯވާޑް ލަކަޒެޓް އަށް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން އޭނާ ފޮނުވާލި އެއް ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު އަނެއް ހަމަލާ އެތްލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ ދިފާއުކޮށްފައެވެ.

މި ދެ ހަމަލާއަށްފަހު ވެސް ކައިރިކައިރީގައި އާސެނަލް އިން އެތްލެޓިކޯގެ ފަހަތަށް ބާރުބޮޑު ކުރަމުންދިޔައިރު މެޗުގެ 10 ވަނަ މިނެޓްގައި ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކީ އެތްލެޓިކޯގެ ޑިފެންޑަރު ވަސަލްކޯ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާ އަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ އާސެނަލްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ވަސަލްކޯ އަށް ރަތްކާޑު ދެއްކިއިރު އޭގެ އިރުކޮޅެއްފަހުން ރެފްރީ ވަނީ އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބެންޗުން ވެސް ފޮނުވާލާފައެވެ. ސިމިއޯނީ ބެންޗުން ފޮނުވާލީ ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ބުނި އެއްޗެއްގެ ސަބަބުންނެވެ.

10 ކުޅުންތެރިންނާ އެކު މެޗުގެ ބޮޑުބައި އެތްލެޓިކޯ އިން ފުރިހަމަ ކުރަން ޖެހުނުއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލް އިން ދިޔައީ ލީޑު ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ވެލްބެކް އާއި ވިލްޝެއާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެތްލެޓިކޯގެ ކީޕަރެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 61 ވަނަ މިނެޓްގައި އާސެނަލް އިން ވަނީ ލީޑު ނަގާފައެވެ. ވިލްޝެއާ ނަގައިދިން ހުރަހަކުން މި ގޯލު އާސެނަލް އަށް ކާމިޔާބުކޮށްދިނީ ލަކަޒެޓްއެވެ.

މި ގޯލަށްފަހު ވެސް އާސެނަލް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 82 ވަނަ މިނެޓްގައި އެތްލެޓިކޯ އިން ވަނީ ނަތީޖާ އެއްވަރުކޮށް އާސެނަލް ސިއްސުވާލާފައެވެ.

އާސެނަލްގެ ޑިފެންޑަރު ކޮޝެލްނީ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު އެތްލެޓިކޯ އަށް ކާމިޔާބުކޮށްދިނީ ގްރިޒްމަންއެވެ. މެޗުގެ ނިމުމުގެ ކުރިން ލީޑު ނަގަން އާސެނަލްގެ އާރޮން ރަމްސީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ އެލްޓިކޯގެ ކީޕަރު އޮބްލަކް ވަނީ ހުޝިޔާރުކަމާ އެކީ ދިފާއުކޮށްފައެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު އެތްލެޓިކޯގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗުގައި އާސެނަލް އިން ގޯލެއް ކާމިޔާބުކުރުމަކީ މިހާރު މަޖުބޫރު ކަމެކެވެ. އެތްލެޓިކޯ ކޮޅަށް ގޯލެއް ކާމިޔާބުކުރަން އާސެނަލް އަށް މަޖުބޫރު ވެފައިވާއިރު މި ސީޒަނުގެ ސްޕެނިޝް ލީގުގައި އެތްލެޓިކޯގެ އަމިއްލަ ދަނޑުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ހަތަރު ގޯލުކަން ފާހަގަކޮށްލެވެއެވެ.

އާސެނަލް އާއި އެތްލެޓިކޯ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.

މުބާރާތުގެ އަނެއް ސެމީގައި ރޭ ފްރާންސްގެ މާސޭ އިން ވަނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގްގެ މައްޗަށް 0-2 އިން ކުރި ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު