އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމް ގަތުމަށް އެމެރިކާގެ ބިލިއަނަރެއް ކަމަށްވާ ޝާހިދު ހާން މަސައްކަތް ފަށައިފިއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ފުލަމް އާއި އެމެރިކަން ފުޓްބޯޅަ (އެންއެފްއެލް) ގެ ކްލަބެއް ކަމަށްވާ ޖެކްސަންވިލް ޖަގުއާސްގެ އޯނަރުކަން ކުރަމުން އަންނަ ޝާހިދު ހާން ވެމްބްލީ ސްޓޭޑިއަމް ގަތުމަށް މަސައްކަތް ކުރަނީ ގާތްގަނޑަކަށް 600 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގަކަށެވެ.

ވެމްބްލީ ސްޓޭޑިއަމް މިހާރު ބަލަހައްޓަމުން އަންނަ އިނގިރޭސި އެފްއޭ އާއި ޝާހިދު ހާން އާއި ދެމެދު މިކަމާ ގުޅޭ ވާހަކަތަށް ދެކެވެމުން އަންނަތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް ޝާހިދު ހާންގެ ފަރާތުން ރަސްމީކޮށް ވެމްބްލީ ސްޓޭޑިއަމް ގަތުމަށް ހުށަހެޅުމެއް ހުށަހަޅާފައިވަނީ އިއްޔެއެވެ.

ޝާހިދު ހާން

ވެމްބްލީ ސްޓޭޑިއަމް ޝާހިދު ހާން އަށް ވިއްކާލައިފިނަމަ އެ ދަނޑުގައި ޝާހިދު ހާންގެ އެންއެފްއެލް ކްލަބު ކަމަށްވާ ޖެކްސަންވިލް ޖަގުއާސްގެ ހޯމް މެޗުތަށް ކުޅޭނެ ކަމަށް ރިޕޯޓުތަށް ބުނެއެވެ. އެމެރިކަން ފުޓްބޯޅައިގެ ރެގިއުލާ ސީޒަން ފަށާނީ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.

އެމެރިކަން ފުޓްބޯޅައިގެ މެޗުތަކެއް މީގެކުރިން ވެސް ވެމްބްލީ ސްޓޭޑިއަމްގައި ކުޅެފައިވެއެވެ. އެގޮތުން ޝާހިދު ހާންގެ އެންއެފްއެލް ކްލަބު ކަމަށްވާ ޖެކްސަން ޖަގުއާސް އިން ވަނީ ފާއިތުވި ހަ އަހަރުތެރޭ ފަސް މެޗު ވެމްބްލީ ސްޓޭޑިއަމްގައި ކުޅެފައެވެ. އެގޮތުން އެންމެފަހުން އެ ސްޓޭޑިއަމްގައި އެޓީމުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

ވެމްބްލީ ސްޓޭޑިއަމް ވިއްކާލި ނަމަވެސް އިނގިރޭސި ގައުމީ ޓީމުގެ މެޗުތަށް އެ ދަނޑުގައި ކުޅޭނެއެވެ. ނަމަވެސް އެންއެފްއެލްގެ ސީޒަން ކުރިއަށްދާ ދުވަސްވަރު އިނގިރޭސި ގައުމީ ޓީމުގެ ހޯމް މެޗުތަށް ކުޅޭނީ އެގައުމުގެ އެހެން ދަނޑުތަކުގައެވެ.

ވެމްބްލީ ސްޓޭޑިއަމް ވިއްކާލުމުގެ ވިސްނުމެއް އިނގިރޭސި އެފްއޭ އިން ގެންގުޅޭ ކަމަށް ރިޕޯޓުތަށް ބުނާއިރު ސްޓޭޑިއަމް ވިއްކާލުމަށްފަހު ލިބޭ ފައިސާ އެފްއޭ އިން ބޮޑަށް ހޭދަކުރާނީ އިނގިރޭސިވިލާތުގެ ފުޓްބޯޅައިގެ ގްރާސްރޫޓު ލެވެލް އަށް ކަމަށް ވެސް ރިޕޯޓުތަށް ބުނެއެވެ.

90،000 މީހުންގެ ޖާގައިގެ ވެމްބްލީ ސްޓޭޑިއަމް އަކީ އިނގިރޭސިވިލާތުގައި އޮތް އެންމެ ބޮޑު ސްޓޭޑިއަމްއެވެ.