މިއަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްވިޑެން އަށް އުފަން ޒްލަޓާން އިބްރަހިމޮވިޗް ނުކުޅޭނެކަން ޔަގީންވެއްޖެއެވެ.

2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ގައުމީ ޓީމަށް އިބްރަހިމޮވިޗް ކުޅުން ހުއްޓާލާފައިވީ ނަމަވެސް މިއަހަރުގެ ވޯލްޑް ކަޕްގައި ކުޅުމަށްޓަކާ އޭނާ އަލުން އެނބުރި ގައުމީ ޓީމަށް އަންނަން އުޅޭ ވާހަކަތަކެއް ވަނީ ދާދިފަހުން ފެތުރިގެން ގޮސްފައެވެ.

ނަމަވެސް ސްވިޑެންގެ ގައުމީ ޓީމުގެ މެނޭޖަރު ލާސް ރިޗްޓް ވަނީ މި ވާހަކަތަކަށް އިއްޔެ ނިމުން ގެނެސްފައެވެ.

"އަހަރެން މިދިޔަ އަންގާރަ ދުވަހު އިބްރަހިމޮވިޗްއާ ވާހަކަ ދެއްކިން. އޭނާ ބުނި ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުން ބަދަލު ނުކުރާނެ ވާހަކަ. އެހެންވީމަ އަންނަ މަހުގެ 15 ވަނަ ދުވަހު އިއުލާންކުރާ ސްވިޑެންގެ ވޯލްޑް ކަޕްގެ ސްކޮޑުގައި އިބްރަހިމޮވިޗް ނުހިމެނޭނެ" ރިޗްޓް ބުންޏެވެ.

ބާސެލޯނާ އާއި ޔުވެންޓަސް އަދި މެންޗެސްޓަރ ޔުނައިޓެޑް ފަދަ ކްލަބުތަކަށް ކުޅެފައިވާ އިބްރަހިމޮވިޗް ވަނީ ސްވިޑެންގެ ގައުމީ ޓީމަށް 116 މެޗު ކުޅެދީ 62 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ ސްވިޑެންގެ ގައުމީ ޓީމާ އެކު ދެ ވޯލްޑް ކަޕެއްގައި ވެސް ކުޅެފައެވެ. އެއީ 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ.

ސްވިޑެން މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ގިނަ ބަޔަކު ސިއްސުވާލުމަށްފަހު ޕްލޭއޮފްގައި އިޓަލީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިއީ 2006 ވަނަ އަހަރަށްފަހު ސްވިޑެން އިން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.