ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ބްރެޒިލްގެ އެޓޭކިންގް މިޑްފީލްޑަރު ފިލީޕެ ކުޓީނިއޯ ހޯދުމުގެ މަސަތްކަތް އިންގްލަންޑުގެ ޗެލްސީ އިން ފަށައިފިއެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ބަޔާނަށް ކުޅެމުން އަންނަނީ ސްޕެއިންގެ ބާސެލޯނާއާ ބަޔާނާ ދެމެދު ވެވުނު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ކުޓީނިއޯ މަޑުކުރުވަން ބަޔާނުން ބޭނުންނަމަ ބާސެލޯނާ އަށް 120 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް އެ ކްލަބުން ދައްކަން ޖެހެ އެވެ.

މި ސީޒަނުގައި ބަޔާނަށް ކުޅެދިން 22 މެޗުގައި 8 ގޯލު ޖަހައިދިން ކުޓީނިއޯ އަށް ފަހަކަށް އައިސް ބަޔާން ކުޅޭ މެޗުތަކުގައި، އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބެ އެވެ. ކުޓީނިއޯ އަށް އެދެވޭ ކުޅުމެއް ނުދެއްކޭތީ މި ސީޒަނަށްފަހު އޭނާގެ އެއްބަސްވުން ދާއިމީ ނުކުރަން ބަޔާނުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަނެއްކޮޅުން އެނބުރި ބާސެލޯނާ އަށް ގޮސް ބްރެޒިލް މިޑްފީލްޑަރަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމަކީ ދުރު ކަމަކަށްވާއިރު އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ބާސާ އިން އޭނާ ވިއްކާލާނެ ކަމަށް ބެލެވެއެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުގައިވާ ގޮތުން ކުޓީނިއޯގެ ސޮއި ހޯދުމާއި އެންމެ ގާތުގައި މިވަގުތު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. އެހެންނަމަވެސް ޔުނައިޓެޑުގެ އިތުރުން ޗެލްސީގެ ލޯ ވެސް މިހާރު ކުޓީނިއޯ އަށް އަމާޒުވެފައިވާއިރު އެޓީމުން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ބްރެޒިލްގެ ކުޅުންތެރިޔާ ހޯދުމަށް ބާސެލޯނާއާ މަޝްވަރާ ކުރަމުންނެވެ. ޗެލްސީ އިން ކުޓީނިއޯގެ ސޮއި ހޯދަން ބޭނުންވަނީ އަންނަ ސީޒަން ނިމުމުން ބޭނުންވެއްޖެ ހާލަތެއްގައި އެއްބަސްވުން ދާއިމީ ކުރުމުގެ އޮޕްޝަން ހިމެނޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައިވެސް ކުޓީނިއޯގެ ސޮއި ހޯދަން ޗެލްސީ އިން ބޭނުންވިއެވެ. އެހެންނަމަވެސް އެކަން ނާކާމިޔާބުވީ ޔުއެފާ ފިނޭންޝަލް ފެއާޕްލޭ އާ ހިލާފްވުމުގެ ސަބަބުން އޭރު ޗެލްސީ ސަސްޕެންޑް ވެފައި އޮތުމުންނެވެ.

ބާސެލޯނާ އިން ކުޓީނިއޯ ގަތީ މީގެ ދެ އަހަރު ކުރިން ލިވަޕޫލަށް 160 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. އެކަމަކު ބާސެލޯނާގައި ކުޓީނިއޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ އެ ޓީމުން އޭނާ ދޫކޮށްލީ އެވެ.