ކްލަބުގެ ފަރިތަކުންތަކުގައި، ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް އަމަލުކުރެވިފައިވުމުން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ މާފަށް އެދިއްޖެ އެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ރޯގާގެ ސަބަބުން އިނގިރޭސިވިލާތް ފުރަބަންދު (ލޮކްޑައުން) ކޮށްފައިވާއިރު ބަލިން ރައްކާތެރިވުމުގެ ގޮތުން އެގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ސޯޝަލް ޑިސްޓެންސިންގް ނުވަތަ ގައިގޯޅިވެ އުޅުމަކީ މަނާކަމެކެވެ.

އުތުރު ލަންޑަންގައި ހުންނަ، ޓޮޓެންހަމްގެ ޓްރެއިނިންގް ސެންޓަރުގައި މިދިޔަ ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ވީޑިއޯ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދައުރު ވަމުންދާއިރު އެ ފުޓޭޖުން ފެންނަ ގޮތުގައި، ކޯޗު މޮރީނިއޯ ވަނީ ޕްރެކްޓިސް ސެޝަންގައި ސޯޝަލް ޑިސްޓެންސް އުސޫލުތަކާ ހިލާފަށް ޓީމުގެ ކުޅުންތެރިންނާއެކު ސެޝަން ކުރިއަށް ގެންގޮސްފަ އެވެ.

އުސޫލުތަކާ ހިލާފުވި ކުޅުންތެރިންގެ ތެރޭގައި މިޑްފީލްޑަރު ޓެންގީ އެންޑޮމްބެލޭ އާއި ޑިފެންޑަރު ޑިވެންޝަން ސަންޗޭޒްގެ އިތުރުން ޑިފެންޑަރު ރަޔަން ސެސެންގްނޮން ހިމެނެއެވެ. މިކަމުގެ ސަބަބުން ޓޮޓެންހަމަށް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެ ކުލަބުގެ ތަރުޖަމާން ބުނީ ކްލަބުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކޮވިޑް-19 އާ ގުޅޭ ގޮތުން ހެދިފައިވާ ގަވާއިދުތައް އަންގާފައިވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަން ކުޅުންތެރިން މަސައްކަތް ކުރާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މޮރީނިއޯ ބުނީ ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް އަމަލުކުރެވުނު ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށެވެ.

މީގެ ކުރިން ކޮވިޑް-19 ގެ ގަވާއިދުތަކާ ޚިލާފަށް ޕާޓީއެއް ބޭއްވިކަމަށްޓަކައި މެންޗެސްޓާ ސިޓީން އެ ކްލަބުގެ ޑިފެންޑަރު ކައިލް ވޯކާއަށް ފިޔަވަޅު އަޅާފައިވާއިރު، ހޯމް-އައިސޮލޭޝަންގެ ގަވައިދާ ޚިލާފުވުމުން ޗެލްސީ އިން ވަނީ އެޓީމުގެ މިޑްފީލްޑަރު މޭސަން މައުންޓަށް ނަސޭހަތްތެރި ވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، އިނގިރޭސި ލީގު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ޔޫރަޕްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އަދިވެސް އިތުރު ވަމުން އަންނާތީ އިނގިރޭސި އެފްއޭ އިން މިހާރު ނިންމާފައިގޮތުން ލީގާއި އެހެނިހެން މުބާރާތްތައް އަލުން ފަށާނީ ވައިރަސް ފެތުރުން ހަމައަކަށް އެޅި ހާލަތު މުޅިން ރަނގަޅުވީމައެވެ.