މިދިޔަ މަހުގެ ތެރޭގައި ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާ ކުރަން ފެށި އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައުލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއެލް މަލްޑިނީ އެ ބަލިން އެއްކޮށް ރަނގަޅުވެއްޖެއެވެ.

މިލާނުގެ މިހާރުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް އަދާކުރާ މަލްޑިނީ އާއި އޭނާގެ ދަރިފުޅު އަދި މިލާނުގެ ކުޅުންތެރިޔާ ޑެނިއަލް މަލްޑިނީ ކޮވިޑް-19 ވައިރަހުން މުޅިން ރަނގަޅުވެފައިވާ ކަމަށް އިޓަލީގެ ބޮޑެތި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ދެބެންގެ ތެރެއިން ވައިރަހުގެ އަސަރު ބޮޑަށް ކުރީ ޕައުލޯ މަލްޑިނީ އަށެވެ. ރިޕޯޓްތައް ބުނާގޮތުން ޕައުލޯގެ ފަރާތުން މިހާރު ކޯވިޑް-19 ގެ އަލާމާތްތައް ނުފެންނާތީ ހެދި ފުރަތަމަ ޓެސްޓުން ދެއްކީ ނެގެޓިވް ކަމަށެވެ.

މިލާނަށް ކުރިން ކުޅުނު ޕައުލޯ މަލްޑިނީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރެވެ. 1984 އިން ފެށިގެން 2009 ގެ ނިޔަލަށް އޭސީ މިލާން ޖާޒީގައި މަލްޑިނީ ވަނީ 900 އަށް ވުރެ ގިނަ މެޗު ކުޅެފައެވެ. މިލާނާއެކު އިޓާލިއަން ލީގު ހަތް ފަހަރު އަދި ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކުރި މަލްޑިނީ ވަނީ އިޓަލީ ގައުމީ ޓީމާއެކު 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ހޯދައިފައެވެ.

އޭސީ މިލާންގެ ތާރީހުގައި ވެސް އެ ކްލަބް ދުށް އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި މަލްޑިނީ ހިމެނޭ އިރު، އޭނާގެ 18 އަހަރުގެ ދަރިފުޅު ޑެނިއެލް ވެސް ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ އެ ކްލަބުންނެވެ. މިލާންގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅެމުން އަންނަ ޑެނިއެލް ވަނީ މިސީޒަނުގައި އެ ކްލަބުގެ ސީނިއާ ޓީމަށް އެއް މެޗު ކުޅެދީފައެވެ

މަލްޑިނީގެ ދެބަފައިންގެ އިތުރުން އިޓާލިއަން ލީގުގެ މަޝްހޫރު ބައެއް ކުޅުންތެރިންގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ. އޭގެތެރޭގައި ކުރިން އިނގިރޭސި ލީގުގައި ވެސް ކުޅުނު މިހާރު ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑީނީ އާއި ފިއޮރެންޓީނާގެ ޕެޓްރިކް ކުޓްރޯނޭ އާއި ޖާމަން ޕަޒެއްލާ އާއި ޔުވެންޓަސްގެ ޕައުލޯ ޑިބާލާ އާއި ޑެނިއެލް ރުގާނީގެ އިތުރުން އެ ޓީމުގެ ބްލެއިޒް މަޓުއިޑީ ހިމެނެއެވެ.

އިޓަލީ އަކީ ކޮރޯނާވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރޭ އެއް ގައުމެވެ. އެ ގައުމުން 135،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު 17،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ވައިރަހާ ހެދި އިޓަލީ ލޮކްޑައުންކޮށްފައިވާ އިރު އެ ގައުމުގެ ފުޓްބޯޅަ ލީގު ވެސް އޮތީ މެދުކަނޑާލައިފައެވެ.