ލިވަޕޫލްގެ ލެޖެންޑް ސަރ ކެނީ ޑަލްގްލިޝް ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެގެން ފަރުވާދޭން ފަށައިފިއެވެ.

ކުރިން ލިވަޕޫލްގެ ޓީމަށް ކުޅެ، އެ ޓީމުގެ މެނޭޖަރުކަން ވެސް ކޮށްފައިވާ އުމުރުން 69 އަހަރުގެ ޑަލްގްލިޝް އަށް ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ސްކޮޓްލޭންޑަށް ނިސްބަތްވާ ޑަލްގްލިޝް މި ބައްޔަށް ފައްސިވީ ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށާއި، އާންމު ގޮތެއްގައި މި ބަލީގައި ފެންނަ ބޮޑެތި އަލާމާތްތައް އޭނާގެ ފަރާތުން ފެންނަމުން ނުދާ ކަމަށް އާއިލާއިން ބުނެއެވެ.

ޑެލްގިޝް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އޭނާ މިހާރު ވަނީ އައިސޮލޭޓް ކޮށްފައެވެ. އަދި ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން އޭނާ އަމިއްލައަށް ނިންމާފައިވާ ކަމަށް ވެސް އާއިލާއިން ބުނެފައި ވެއެވެ. އެ އާއިލާއިން ބުނެފައިވާ ގޮތުގައި އޭނާއަށް މި ވައިރަސް ޖެހުމާއި ގުޅިގެން، ވައިރަސް ޖެހޭ އެހެން މީހުންވެސް ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

"ޑަލްގްލިޝް ކޮވިޑް-19 އަށް ފައްސިވިޔަސް އޭނާގެ ހާލު ރަނގަޅު. އަދި ބަލީގައި އެހެން މީހުންނަށް ފެންނަމުންދާ ފަދަ ބޮޑެތި އަލާމާތްތައް އޭނާގެ ގައިން ފެންނަމުން ނުދޭ. ވަރަށް އަވަހަށް ޑަލްގްލިޝް މި ބަލިން ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް،" ޑަލްގްލިޝްގެ އާއިލާގެ ފަރާތުން ބުނެފައި ވެއެވެ.

ޑަލްގްލިޝް ލިވަޕޫލްގެ ޓީމުގައި ކުޅެފައި ވަނީ 1977 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާއި ހަމައަށެވެ. މި މުއްދަތުގައި އޭނާ ވަނީ 355 މެޗެއް ކުޅެ، 118 ގޯލް ކާމިޔާބުކޮށްފައެވެ. އޭނާ ލިވަޕޫލްގެ މެނޭޖަރެއްގެ ގޮތުގައި ދެފަހަރެއްގެ މަތިން މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން 1985 ވަނަ އަހަރުން ފެށިގެން 1991 ވަނަރަހަރާއި ހަމައަށް، އަދި 2011 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ހަމައަށް އެޓީމުގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވެއެވެ.

ސްކޮޓްލޭންޑުގެ ޤައުމީ ޓީމަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ޑަލްގްލިޝް ވަނީ މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑްގެ މެނޭޖަރުކަން ވެސް ކޮށްފައެވެ.