ބާސެލޯނާ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ 22 އަހަރަށްފަހު އެ ކްލަބު ދޫކޮށްލަން ނިންމައިފިއެވެ.

މި ސީޒަނަށްފަހު ބާސާ ދޫކޮށްލަން އިނިއެސްޓާ ނިންމާފައިވާއިރު އޭނާ ދެން ބަދަލުވާނީ ޗައިނާގެ ސުޕަރ ލީގުގެ ކްލަބަކަށް ކަމަށް ރިޕޯޓުތަށް ބުނެއެވެ.

ބާސާ ދޫކޮށްލަން ނިންމާފައިވާކަން ހާމަކުރަމުން ސްޕެއިން އަށް އުފަން އިނިއެސްޓާ ބުނީ މިއީ ވަރަށް ގިނަ ދުވަސްތަކަކަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި ބާސާ އަކީ އަބަދުވެސް އޭނާ އަށް އެންމެ މޮޅު ޓީމު ކަމަށެވެ. އަދި ބާސާ ދޫކޮށްލަން ނިންމި މައިގަނޑު އެއް ސަބަބަކީ ކުރިއަށް އޮތް ތަނުގައި އެންމެ މޮޅު ކުޅުން އޭނާ އަށް އެ ކްލަބުގައި ނުދެއްކޭނެތީ ކަމަށް ވެސް އިނިއެސްޓާ ބުންޏެވެ.

"މިއަދަކީ އަހަންނަށް ވަރަށް އުނދަގޫ ދުވަހެއް. އަހަރެންގެ މުޅި ކެރިއަރު މި ހޭދަކުރީ ބާސާގަ. މިތަނުގައި ހުރެ މި ކްލަބަށް އަލްވަދާއު ކިޔަން ޖެހުމަކީ އުނދަގޫ ކަމެއް. މި ކްލަބުން އަހަންނަށް ހުރިހާ ކަމެއް ކޮށްދީފި. އަހަރެން މީހަކަށް ހަދައިދިނީ މި ކްލަބުން. އެކަމަށްޓަކާ ބާސާ އަށާއި ބާސާގެ އެކެޑަމީ އަށް އަހަރެން ޝުކުރުވެރިވަން" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނިއެސްޓާ ބުންޏެވެ.

ބާސާ އަށް ކުޅުމަކީ އޭނާ ދެކެމުން އައި ހުވަފަނެއް ހަގީގަތަކަށްވުން ކަމަށާއި އެ ކްލަބަށް ކުޅުމަކީ އޭނަ އަށް ލިބުނު ބޮޑު ޝަރަފެއް ކަމަށްވެސް އިނިއެސްޓާ ބުންޏެވެ. އަދި އޭނާގެ މައިގަނޑުގެ އަމާޒަކަށް އަބަދުވެސް ވެފައި އޮތީ ބާސާގައި ހުރެ ކާމިޔާބު މީހަކަށްވުން ކަމަށާއި އެކަން ހާސިލުކުރެވިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަމުން އިނިއެސްޓާ ބުނީ އޭނާ ދެން ކުޅޭނެ ކްލަބެއް މި ސީޒަން ނިމުމުން އިނގޭނެ ކަމަށެވެ. އަދި ބާސާ އާއި ދެކޮޅަށް ނުކުޅޭނެ ކަމަށް ވެސް އިނިއެސްޓާ ބުންޏެވެ.

"އަހަރެން ބާސާ އާއި ދެކޮޅަކަށް ނުކުޅޭނަން. އަހަރެން ދެން ކުޅޭނެ ކްލަބެއް މި ސީޒަން ނިމުމުން ބުނާނަން" އިނިއެސްޓާ ބުންޏެވެ.

އުމުރުން 12 އަހަރުގައި އިނިއެސްޓާ ބާސާ އާއި ގުޅިފައިވަނީ 1996 ވަނަ އަހަރުއެވެ. ބާސާގެ ޔޫތް ޓީމުގައި މޮޅު ކުޅުމެއް އިނިއެސްޓާ ދައްކާފައިވާއިރު 2001 ވަނަ އަހަރު އޭނާ ވަނީ އެ ކްލަބުގެ ބީ ޓީމަށް ޕްރޮމޯޓްވެފައެވެ.

އަދި އޭގެ އެއް އަހަރުފަހުން ބާސާ ސީނިއާ ޓީމުން ވެސް އިނިއެސްޓާ އަށް ވަނީ ޖާގަ ލިބެން ފަށާފައެވެ. ބާސާގެ ސީނިއާ ޓީމަށް އިނިއެސްޓާ އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2002 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޗެމްޕިއަންސް ލީގުގެ އެ މެޗުގައި ރަށުން ބޭރުގައި ބާސާ އިން ބައްދަލުކުރީ ބްލެޖިއަމްގެ ކްލަބެއް ކަމަށްވާ ކްލަބް ބްރޫޖްއާއެވެ. އޭރު ބާސާގެ ކޯޗަކަށް ހުރީ ލުއިސް ވެންހާލްއެވެ.

އުމުރުން 33 އަހަރުގެ އިނިއެސްޓާ އޭގެފަހުން ވަނީ ބާސާގެ ސީނިއާ ޓީމަށް ޖުމްލަ 670 މެޗު ކުޅެދީ 57 ގޯލު ކާމިޔާބުކޮށް 141 އެސިސްޓު ހަދާފައެވެ.

ބާސާގެ ކެޕްޓަންކަން ވެސް މިހާރު ކުރަމުން އަންނަ އިނިއެސްޓާ ވަނީ އެ ކްލަބާ އެކު 31 ތަށި ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ސްޕެނިޝް ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.

ބާސާ ދޫކޮށްލުމުގެ ކުރިން ސްޕެނިޝް ލީގު އަދި އެއް ފަހަރު ކާމިޔާބުކުރުމުގެ ފުރުސަތު މި ސީޒަނުގައި އިނިއެސްޓާ އަށް އަދި އެބައޮތެވެ. އެގޮތުން މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކުރުމަށް ބާސާ އަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

އިނިއެސްޓާ ބާސާ ދޫކޮށްލަން ނިންމާފައިވާއިރު އަންނަ ސީޒަނުގައި އެ ކްލަބުގެ ކެޕްޓަންކަން ކުރާނީ ލިއޮނަލް މެސީ ކަމަށް ބެލެވެއެވެ. މެސީ އަކީ މިހާރު ބާސާގެ ވައިސް ކެޕްޓަނެވެ.