އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ, ކޮރޯނާ ވައިރަހުގެ ސަބަބުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ޕޯޗުގަލްގެ މެޑެއިރާގައި ހުންނަ ގައުމީ ފުޓްބޯޅަ ދަނޑުގައި ފަރިތަކުރުމުން ކަމާއި ބެހޭ ފަރާތްތަކުން އޭނާ އަށް އިންޒާރު ދީފިއެވެ.

ޔޫރަޕްގައި އެއްވެސް ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަސް ރޯގާގެ އަސަރު ޕޯޗުގަލް އަށް ވެސް ކޮށްފައިވާއިރު އެގައުމުގައި ކުޅިވަރުގެ ހުރިހާ ހަރަކާތެއްހެން ވަނީ ފަސްކޮށްފައެވެ.

ވައިރަހުން ރައްކާތެރިވުމަށް ޕޯޗުގަލްގެ ސަރުކާރުން އެކިއެކި ގަވާއިދުތަކާ އުސޫލުތަކެއް ހަދާފައިވާއިރު އެގައުމުގައި މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.

މަންމަގެ ސިއްޙީ ޙާލަތު ގޯސްވުމުގެ ސަބަބުން ރޮނާލްޑޯ ވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު މެޑެރިއާ އަށް އައިސްފައެވެ. ވައިރަހުގެ ބަލިމަޑުކަމާއި ހެދި އިޓަލީ ލޮކްޑައުން ކުރީ ރޮނާލްޑޯ ޕޯޗުގަލްގައި ހުއްޓައެވެ. ލޮކްޑައުންއާއެކު އިޓަލީ އަށް އެއްވެސް މީހަކު އެތެރެވުމާއި ބޭރުވުން މަނާވުމުގެ ސަބަބުން ރޮނާލްޑޯ ދިރިއުޅެމުން އަންނަނީ އަމިއްލަ އަށް އެކަހެރިވެގެން އާއިލާ އާއެކު މެޑެއިރާގެ ވަކި ރަށެއްގައެވެ.

ސެލްފް އައިސޮލޭޝަންގައި ހުރި ކަމުގައިވިޔަސް ރޮނާލްޑޯ އަންނަނީ އޭނާގެ ފިޓްނަސް ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމަށް އަމިއްލަ ގޭގައި ފަރިތަކުރުންތައް ކުރިޔަށް ގެންދަމުންނެވެ. އެހެންނަމަވެސް އޭނާ އަށް އިންޒާރު އައީ މި ހަފުތާ ބަންދުގައި މެޑެއިރާގެ ގައުމީ ސްޓޭޑިއަމްގައި ގަވާއިދާ ހިލާފަށް ފަރިތަކުރުމުންނެވެ.

މެޑެއިރާގެ ރީޖަނަލް ސެކްރެޓަރީ އޮފް ހެލްތް ޕެޑްރޯ ރާމޯސް ވިދާޅުވީ ރޮނާލްޑޯ ކުރި ކަންތައް ކުށްވެރިކުރާ ކަމަށާއި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ހައިސިއްޔަތުން ރޮނާލްޑޯ މިފަދަ ދަނޑިވަޅެއްގައި ވާން ޖެހޭނީ އެހެން މީހުންނަށް ނަމޫނާ އަކަށް ކަމަށެވެ.

“ ރޮނާލްޑޯ އަށް ވަކި ހާއްސަ ހުއްދައެއް ދީފައެއް ނުވާނެ. މި ދަނޑުވަޅުގައި ހެދިފައިވާ ގަވާއިދުތަކާ އުސޫލުތަކަށް ތަބާވާ ހިނދެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ހައްގު ރޮނާލްޑޯ އަށް އޮންނާނެ އެހެން ކޮންމެ މީހަކަށްވެސް އޮންނަ ގޮތަށް. ގެއިން ބޭރަށް ވެސް ނުކުމެވޭނެ. އެކަމަކު ކަނޑައަޅާފައިވާ ސެލްފް ޑިސްޓެންސްގެ އުސޫލުގެ ތެރެއިން މިކަން ކުރަން އަންގަވާފަ ވަނީ. އެކަމަކު އަހަރެމެންނަށް މި ފެނުނީ ރޮނާލްޑޯ އުސޫލުތަކާ ހިލާފުވިތަން، “ ޕެޑްރޯ ރާމޯސް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހާ ހެދި އިޓަލީގެ ފުޓްބޯޅަ ލީގު މެދުކަނޑާލާފައިވާއިރު ވައިރަސް ފެތުރުން ކޮންޓްރޯލްވެ ލީގު އެންމެ އަވަހަށް ފެށުނަސް ފެށޭނީ އަންނަ މަހުގެ ފަހުކޮޅެވެ.