އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން ފޯވަޑް ލައުޓަރޯ މާޓިނެޒް ހޯދުމުގެ މަސަތްކަތް މެންޗެސްޓާ ސިޓީ އިން ފަށައިފިއެވެ.

އާޖެންޓީނާގެ ރޭސިންގް ކްލަބުން އިންޓަ މިލާނަށް މީގެ ދެ އަހަރު ކުރިން ބަދަލުވި މާޓިނެޒް އަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ނަން ހިނގާ އެއް ފޯވަޑެވެ. ދެފައިން ވެސް ބޯޅައިގައި ބާރަށް ޖަހާ އަދި ކޮއްޓުމާއި ނެއްޓުމުގެ ހުނަރުވެސް ލިބިފައިވާ މި ކުޅުންތެރިޔާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން މަސަތްކަތް ކުރަމުން އަންނައިރު އިޓަލީގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުން މާޓިނެޒް ހޯދުމާއި އެންމެ ގާތުގައި މިވަގުތު އޮތީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީ އޮތީ މާޓިނެޒް އިންޓަ މިލާނާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަދަދު (ރިލީޒް ކްލޯޒް) ކަމަށްވާ 97.5 މިލިއަން ޕައުންޑް ދޭން ތައްޔާރަށެވެ. ސިޓީގެ އިތުރުން ޗެލްސީ އަކީ ވެސް އިނގިރޭސި ކްލަބުތަކުގެ ތެރެއިން މާޓިނެޒް އަށް ފާރަލަމުން އަންނަ އެއް ކްލަބެވެ. މި ދެ ކްލަބުގެ އިތުރުން ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އިން ވެސް އަންނަނީ މާޓިނެޒް ހޯދުމާއި ގުޅޭގޮތުން އިންޓަ އާއި މަޝްވަރާ ކުރަމުންނެވެ.

ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން މާޓިނެޒް އަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ނަމަވެސް އިންޓަ އިން ބުނީ އަންނަ ސީޒަނުގައިވެސް މި ކުޅުންތެރިޔާ ފެނިގެންދާނީ އެ ޓީމުން ކަމަށާއި މާޓިނެޒްގެ މުސްތަގްބަލް އޮތީ އިންޓާގައި ކަމަށެވެ.

“މާޓިނެޒް އިންޓަ މިލާނުގަ ހުރީ އުފަލުން. އޭނާ އަންނަނީ މި ކްލަބުގައި މޮޅަށް ކުޅެމުން. އޭނާގެ މުސްތަގްބަލް އޮތީ ވެސް މި ކްލަބުގައި. އެހެންކަމުން ކުރިއަށް ސީޒަނުގައިވެސް އޭނާ ފެންނާނީ އިންޓާގެ ޖާޒީގައި. އޭނާ މަޑުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،“ އިންޓާގެ ނައިބު ރައީސް ހާވިއާ ޒަނޭޓީ ވިދާޅުވިއެވެ.

އުމުރުން 22 އަހަރުގެ މާޓިނެޒް އަންނަނީ މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 31 މެޗުން 16 ގޯލު ޖަހައިފައެވެ.