ކޮވިޑް 19 އާއި ގުޅިގެން މުޅި ދުނިޔޭގެ ފުޓުބޯޅަ ހުއްޓިފައި އޮތް މި ދަނޑިވަޅަކީ ކުރީގެ ހަނދާންތައް އާކޮށްލާ ވަގުތު ކޮޅެވެ. ފީފާ ޓީވީންވެސް ވޯލްޑް ކަޕްގެ ކުރީގެ މެޗުތައް ދައްކަނީއެވެ. އޭރުގައި ވިދާލި ކުޅުންތެރިންތަކެއްގެ މެޗުތައް މިއަދު ބަލާލުމަކީވެސް ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހަކަށްވެސް ލިބޭ ހިތްހަމަ ޖެހުމެކެވެ. ގޭގައި ތިބިގެން ކޮށްލާނެ ތަފާތު ކަމެއްވެސް މެއެވެ.

މިވަގުތު ކުޅިވަރު އެއްކޮށް މަޑުޖެހިފައި އޮތްއިރު، ރާއްޖޭގެ ފުޓުބޯޅަ ސީޒަންވެސް މިވަނީ ހުއްޓިފައެވެ. ފުޓުބޯޅައަށް ލޯބިކުރާ އެތައް ބަޔަކަށް ފޫހި ދުވަސްވަރެކެވެ. އެ ފޫހިކަން ފިލުވާލުމަށް އެފްއޭއެމްގެ ފޭސްބުކް ޕޭޖުންވެސް ތަފާތު ސުވާލުތައް ސަޕޯޓަރުންނާ އެބަކުރެއެވެ. އޭގެ ތެރޭގައި ކުރީގެ ގައުމީ ޓީމުތަކުގެ ހަނދާން އާކުރުވާ ފޮޓޯތައް ހިމެނޭއިރު، މިއަދު ފެނިގެންދިޔަ ވީޑިއޯއަކަށް ސަމާލުކަން ބޮޑުވިއެވެ.

ރާއްޖޭގެ ކުޅިވަރު ތާރީޚުވެސް ދުތް، އެންމެ މުހިއްމު އެއް ވަގުތުކޮޅު ފެނިގެންދާ އެ ވީޑިއޯއަކީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ވީޑިއޯއެކެވެ. މެޗުގެ ފަހުވަގުތުގައި ވަރުގަދަ އިންޑިއާ ކޮޅަށް މުޚުތާރު ނަސީރު (ޓޫކިލޯ) ޖެހި ގޯލް ފެނިގެންދާ އެ ވީޑިއޯ ވެގެންދިޔައީ މިއަދު މުޅި ފޭސްބުކްގައި ދައުރުކޮށްލި ވީޑިއޯއަކަށެވެ.

GOLDEN GOAL.. 2008

Posted by Football Association of Maldives on Saturday, April 11, 2020

ކޮމެންޓޭޓަރުގެ ކޮމެންޓްރީގައި ހުރި ގައުމީ ޖޯޝާއި އަސަރުން، ވީޑިއޯ ބަލާލާ ކޮންމެ ފަހަރަކު އަދިވެސް ހީބިހި ނަގައިގެންދާ ކަމަށް އެތައް ބަޔަކު ބުނެފައިވެއެވެ. ހަގީގަތުގައިވެސް އެ ގޯލް ބަލާލުމުން އަދިވެސް އެތައް ދިވެހީންނަކަށް އެ މަންޒަރު ސިފަވެގެންދެއެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕްގައިވެސް އިންޑިއާ ބަލިކޮށް، ރާއްޖެއިން ތަށި ނެގިއިރުވެސް އޭރު އެކުރެވުނު ފުރަތަމަ ތަށީގެ އިހުސާސެއް ހަގީގަތުގައި ނެތެވެ. ފުރަތަމަ ތަށްޓާއެކު ކުރެވުނު އިހުސާސް މާ ބޮޑަށްވެސް ތަފާތެވެ.

އިންޑިއާ ކޮޅަށް ވައްދާލި ގޯލްގެ ފުރިހަމަކަންވެސް އިންތިހާއެވެ. އަލީ އަޝްފާގުގެ ކޯނަރު ޓޫކިލޯ ސީދާ ގޯލަށް ވައްދާލިއިރު، އެ ގޯލްގެ އިހުސާސްތައް މީގެކުރިން ޓޫކިލޯ ވަނީ "ވަގުތު" އާ ހިއްސާ ކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕްގެ ހަނދާންތައް އާކުރަމުން ޓޫކިލޯ ބުނީ، ގައުމީ ރޫހަކީ އޭނާއަށް ފުޓުބޯޅަ ކަމަށެވެ. ޓީމަށް ހަދާ ފޯރިގަދަ ލަވަތަކުން ގައުމީ ޖޯޝު، އަދިވެސް ކައްކުވާލާ ކަމަށް ޓޫކިލޯ ބުންޏެވެ. ސާފް ޗެމްޕިއަންޝިޕް ފައިނަލްގައި އިންޑިއާ ކޮޅަށް ޖެހި ގޯލަކީ ދިވެހިންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ގެނުވި ގޯލެކެވެ. ކުޑެއް ބޮޑެއް ނެތި، ފިކުރެއް ވިސްނުމެއް ނެތި، މުޅި ގައުމު އެކުވެރިކޮށްދިން ގޯލެކެވެ.

"އިންޑިއާ ކޮޅަށް ޖެހި ގޯލް ޖެހުމާއެކު އުފާފާޅުކުރަން ދެވުނީ ނުބައި ދިމަލަކަށް ކަންނޭނގެ. އަހަރެން ދަންނަ ދިވެހި ސަޕޯޓަރުންތަކެއް ކައިރިއަށް ދާން އަސްލު ދިޔައީ. އެކަމަކު ދަގަނޑޭ ގޮވާލީމަ އޭނަ ކައިރިއަށް މި ދެވުނީ. ދެން އެގަނޑީގައި ނޭނގޭނެ ދެވޭ ދިމާއެއްވެސް ދޯ. އެންމެންނަށްވެސް އެހިސާބުން އެނގިއްޖެ މިއީ ރަން މެޑަލް ލިބުނީކަން،" ޓޫކިލޯ އޭނާގެ ހަނދާންތައް ކުރިން ހިއްސާ ކުރަމުން ކިޔައިދީފައިވެއެވެ.

ފުޓްބޯޅައިން ރަން މެޑަލްއެއް ހޯދަން ދިވެހިން 17 އަހަރު ވަންދެން ކުރި ދިގު އިންތިޒާރަށް ނިމުން ގެނައި ގޯލްގެ ހަނދާންތައް އަބަދަށް ދިވެހިންނާއި އެކު ވާނެއެވެ. އެހަނދާންތަކެއް ދުވަހަކު ވެސް ނެތިގެން ނުދާނެއެވެ. ނަމަވެސް އެގޯލާއި އެކު މިއަދު ދެން މިއަދު ކުރަން ޖެހިފައި އޮތް ސުވާލަކީ އެދުވަހުގެ ހާލަތު މިއަދު އަނބުރާ ގެންނާނީ ކިހިނެއް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސީނު

    ގުޑް

  2. އ. ޖ. އ

    ތިޔަ ބުނީ އަނެއްކާ މައުމޫން ވެރިކަމަށް ގެންނާށޭތަ؟
    ބަލާބަލަ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ކޮބައިކަން

  3. ގައުމު

    އަދިވެސް ލޮލުން ކަރުނަ އޮހޮރޭ ފެނުމުން އެ ގޯލް

  4. ކިނގ ކރިސ

    ހަމަ ގައިން ހީބިހި ނަގައިގެން ދާކަހަލައެވެ