އާސެނަލްގެ ކުރިއަށް ކުޅެމުން އަންނަ ޕިއޭ އެމްރިކް އަބަމަޔާން ދަނީ ކްލަބުގައި ފެއިލްވަމުން ކަމަށާއި، އުންމީދީ ކްލަބަކަށް ބަދަލުވުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް، އޭނާ ނިސްބަތްބާ ގެބޯންގެ ފުޓުބޯޅަ އިދާރާގެ ރައީސް ވިދާޅުވެއްޖެއެވެ.

ގެބޯންގެ ފުޓުބޯޅަ އިދާރާގެ ރައީސް ޕިއޭ އެލައިން މޯންގުއެންގިއު ވިދާޅުވީ އާސެނަލްއާއެކު އަބާމަޔާންއަށް އެއްވެސް ކާމިޔާބީއެއް ހޯދިފައިނުވާ ކަމަށާއި، އާސެނަލްއިން މިހާރު ގެންގުޅޭ ޓާގެޓަކީ ޔޫރަޕްގެ އެހެން ކްލަބުތަކާ އަޅާ ބަލާއިރު، ކުޑަ ޓާގެޓެއް ކަމަށެވެ.

މިދިޔަ ސީޒަންގައި 22 ގޯލް ޖަހާ، ލީގުގެ ޖޮއިންޓް ޓޮޕް ސްކޯރާގެ ގޮތުގައި އަބަމަޔާން ނިންމާލި ނަމަވެސް، އާސެނަލް ނިންމާލީ ހުސްއަތާއެވެ. އަދި އޭނާގެ ކޮންޓްރެކްޓް އަންނަ ސީޒަންގެ ނިއަލަށް ހަމަވާނެއެވެ. މި ސީޒަންގެ ކުޅުން ކޮވިޑް 19އާއި ގުޅިގެން މެދުކެނޑިފައިވާއިރު، މިހާތަނަށް އޭނާ ވަނީ ސީޒަންގައި 20 ގޯލް ޖަހާފައެވެ. އަބަމަޔާން ގެންދިޔުމަށް މިހާރުވެސް ބާސެލޯނާއާއި އިންޓަމިލާންއިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގެބޯންގެ ފުޓުބޯޅަ އިދާރާގެ ރައީސް އިތުރަށް ވިދާޅުވެފައި ވަނީ އަބަމަޔާންއަކީ ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ކްލަބެއްގައި ހުންނަން ޖެހޭނެ ކުޅުންތެރިއެއް ކަމަށާއި، މުޅި ގެބޯންގެ ހުރިހާ ރައްޔިތުންވެސް އޭނާއާ ދޭތެރޭ ދެކެނީ އެފަދަ ހުވަފެންތަކެއް ކަމަށެވެ. ޚާއްސަކޮށް، ވަރުގަދަ ކްލަބެއްގައި ކާމިޔާބު ކެރިއަރެއް ނިންމާލުމަކީ އަބަމަޔާންއަށް މުހިއްމު ކަމެއް ކަމަށްވެސް އެލައިން ވިދާޅުވެފައިވެއެވެ.

އަބަމަޔާން އާސެނަލްއަށް ސޮއިކޮށްފައި ވަނީ 2018 ވަނަ އަހަރު ޖަނަވަރީ މަހު، ބުރޫޝިއާ ޑޯޓުމަންޑުންނެވެ. އޭނާ ވަނީ މިހާތަނަށް އާސެނަލްއާއެކު ޔޫރޮޕާ ލީގުގެ ފައިނަލެއްގެ އިތުރުން ލީގު ކަޕްގެ ފައިނަލެއްވެސް ކުޅެ، ނާކާމިޔާބުވެފައެވެ.