ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ބްރޫޝިއާ ޑޯޓުމަންޑާ ދެކޮޅަށް ނޭމާ ނުކުތީ، ޑޯޓުމަންޑުގެ ޒުވާން ފޯވަޑް އޭލިން ހާލަންޑަށް މަލާމަތް ކުރުމަށް ތައްޔާރުވެގެން ކަމަށް ޕީއެސްޖީގެ ޑިފެންޑަރު މާކީނިއޯސް ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ޗެމްޕިއަންސް ލީގުގެ ފުޓުބޯޅަ ވެސް މެދު ކެނޑިފައިވާ އިރު، ޕީއެސްޖީ ވަނީ ގަދަ 16 އިން ޑޯޓުމަންޑް ކަޓުވާލުމަށްފަހު ކުއާޓާގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ފުރަތަމަ ލެގު ޖަރުމަނުގައި ކުޅުނު އިރު، އެ ލެގު ހޯމް ޓީމް، ޑޯޓުމަންޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީ ކޮޅަށް ޖެހި ދެ ގޯލް ވެސް ޖެހީ ހާލަންޑެވެ.

ޕީއެސްޖީގެ ގޯލް ނޭމާ ޖެހި އިރު، ހާލަންޑްގެ ދެވަނަ ގޯލާއެކު އޭނާ އުފާފާޅުކުރީ އާންމު ގޮތެއްގައި އޭނާ ބޭނުންކުރާ "މެޑިޓޭޝަން ސެލެބްރޭޝަން"އިންނެވެ. އަދި ދެވަނަ ލެގަށް ނުކުތުމުގެ ކުރިން ހާލަންޑް ކޮށްފައިވާ ސްނެޕެއްގައި ބުނެފައި ވަނީ ޕެރިސްއަކީ އޭނާގެ ސިޓީއެއް ކަމަށެވެ.

ސަޕޯޓަރުން ނުވައްދާ ކުޅުނު ދެވަނަ ލެގުގެ މެޗު ޕީއެސްޖީން 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ކުއާޓާއިން ޖާގަ ހޯދިއިރު، އެންމެ ގިނައިން ދެކެވުނު ވާހަކައަކީ ނޭމާ އަދި ޕީއެސްޖީ ޓީމުންވެސް ހާލަންޑަށް މަލާމާތް ކުރި ވާހަކައެވެ. ނޭމާގެ ގޯލަށްފަހު އޭނާ ހާލަންޑްގެ އުފާފާޅުކުރުން ބޭނުން ކޮށްފައިވާއިރު، މެޗަށްފަހު މުޅި ޕީއެސްޖީ ޓީމު އެއްކޮށް ހާލަންޑަށް މަލާމާތް ކުރުމުގެ ގޮތުން މެޑިޓޭޝަން ސެލެބްރޭޝަން ހަދާފައިވެއެވެ.

" ނޭމާއަކީ ހަމައެކަނި ފުޓުބޯޅަ ކުޅުންތެރިއެއްވެސް ނޫން. އޭނާއަކީ ނުފޫޒުގަދަ ރައްދު ދޭންވެސް ކެރޭ ކުޅުންތެރިއެއް. އެއީ ނޭމާގެ ސްޓައިލް. އެކަން ކުރީ ވަރުގަދަ ރައްދެއް ދޭން ވެގެން. އެކަން ކުރަން ރާވައިގެން ނޭމާ މެޗަށް ނުކުތީވެސް،" ނޭމާގެ އުފާފާޅުކުރުމާ ގުޅިގެން ބްރެޒިލްގެ ޕީއެސްޖީ ޑީފެންޑަރު މާކީނިއޯސް ބުންޏެވެ.

އުމުރުން އެންމެ 19 އަހަރުގެ ހާލަންޑަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިޔާއަށްވާ އިރު، އޭނާއަށް ޕީއެސްޖީން ކުރި މަލާމާތަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އިއްބެ

  ނޭމާ އަކީ އެއްވެސް ޕްރެފަޝަނަލް ޕްލޭޔަރެއް ނޫން

  25
  10
 2. ފޭން

  ހާލަންޑާ ޖެހިފަ ނޭމާ ތިދެން ކާކު؟؟? ނޭމާ އަށް ނޭނގެ ރަނގަޅަށް ކުޅެންވެސް.? ނުވިތާކަށް ދަނޑުމަތީގަވެސް އަބަދު އުޅޭނި ކޮންމެސް ފިލްމެއްގެ ޝޫޓިންގަ ނޫނިއްޔާ ކޮންމެސް ކޫސަނި، މީހުން ރުޅި އަންނަ ކަހަލަ ކަމެއް ކުރުމުގަ.? ނޭމާ ޖޭ ނުވެ ހާލަންޑް ކައިރިން ނަމޫނާ ނަގާބަލަ.? ހާލަންޑް?

  21
  8