ފުރަބަންދުގައި ހުންނަން ޖެހުމުން މާ ގަދައަށް ކެވޭތީ ފިޓްނެސް ދަމަހައްޓަން އުނދަގޫކަމަށް ރެއާލް މެޑްރިޑްގެ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑް ބުނެފިއެވެ.

ކޮވިޑް 19އާއި ގުޅިގެން ދުނިޔޭގެ ފުޓުބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ހަޒާޑް ދިރިއުޅެމުންދާ ސްޕެއިންއަކީ އެންމެ ބޮޑަށް ބަލި ފެތުރިފައިވާ އެއް ގައުމެވެ. އެގައުމުގައި ކޮވިޑް 19 ޖެހިގެން އެތައް ބަޔަކު މަރުވެފައިވާއިރު، ކްލަބުތަށްވެސް ވަނީ ކަރަންޓީނަށް ދާން ޖެހިފައެވެ. އަދި މުޅި ގައުމު އޮތީ ފުރަބަންދުގައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހަޒާޑްގެ ކުޑަކަޅުވައަށް ލިބުނު އަނިޔާއިން ރަނގަޅުވަމުން އަންނައިރު، ހަޒާޑް ބުނެފައި ވަނީ ޖިމަކަށް ނުގޮސް، ގޭގައި އިނދެގެން އަނިޔާއިން ރަނގަޅުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އުނދަގޫވާ ކަމަށެވެ.

"އުނދަގޫ ކަމެއް މިއީ. ނުކާން ވެގެން މިހުންނަނީ. އެކަމަކުވެސް ބަނަސް ކަހަލަ އެއްޗެހި މާ ގަދައަށް ކެވެނީ. 10 ދުވަސް ކުރިން ރިކަވަރީގެ މަސައްކަތްތައް ފަށައިފިން. އެކަމަކު ފިޒިއޯވެސް ބަލިވެގެން، އޭނާވެސް ނާދޭ ގެއަކަށް. އޮންލައިން ކޮށް ފޮނުވާ ވީޑިއޯތަކަށް މި މަސަައްކަތް ކުރަނީ. އެހެންވެ އުދަގޫތަކާ ކުރިމަތިވޭ،" ހަޒާޑް ބުނެފައިވެއެވެ.

ޗެލްސީއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު ހަޒާޑް ރެއާލްއަށް ބަދަލުވީ މި ސީޒަނަށެވެ. އޭނާއާ ދޭތެރޭ ބޮޑެތި އުންމީދުތަކެއް ކުރެވުނު ނަމަވެސް، މިހާތަނަށް އައިއިރު، އަނިޔާގެ ސަބަބުން އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިހާތަނަށް ސީޒަންގައި ކުޅެވިފައި ވަނީވެސް 15 މެޗެވެ.