ލޯނު އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވަޑް މައުރޯ އިކާޑީ އަށް އިޓަލީގެ އިންޓަ މިލާނުގައި މުސްތަގްބަލެއް ނެތް ކަމަށް އިންޓަގެ ނައިބު ރައީސް ހާވިއާ ޒަނެއްޓީ ވިދާޅުވެއްޖެއެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން އިކާޑީ ޕީއެސްޖީއާ ގުޅުނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައެވެ. އިކާޑީ އިންޓަ ދޫކޮށްލީ އަހްލާގީ މައްސަލަތަކާ ހެދި އެ ކްލަބްގެ މެނޭޖްމަންޓާއި ސަޕޯޓަރުންނާއި އޭނާ އާ ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ސީޒަނުގައި އިންޓަގެ ކޮންޓްރެކްޓް އާކުރުމާ މެދު އުފެދުނު ދެބަސްވުމަކާ ގުޅިގެން އިކާޑީ އަތުން އެ ކްލަބުން ކެޕްޓަން ބޭންޑް ނެގުމުން އޭނާ ވަނީ އެ ކްލަބަށް ކުޅެން ދެކޮޅު ހަދައިފައެވެ.

އެއާއެކު ޖެހިގެން އައި ޓްރާންސްފާ ބާޒާރުގައި އިކާޑީ އިންޓަ ދޫކޮށްލާނެކަން ކަށަވަރުވި އިރު އުމުރުން 26 އަހަރުގެ ކުޅުންތެރިޔާގެ ސޮއި ފަހު ވަގުތު ހޯދީ ޕީއެސްޖީ އިންނެވެ. މި ޓްރާންސްފާ އަކީ ލޯން އެއްބަސްވުމެއް ނަމަވެސް މި ސީޒަން ނިމުމުން ދާއިމީ ކޮންޓްރެކްޓެއްގައި އިކާޑީ ޕީއެސްޖީގައި މަޑުކުރުވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ޕީއެސްޖީ އަށް ބަދަލުވުމަށްފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިކާޑީގެ އެއްބަސްވުން ޕީއެސްޖީން ދާއިމީ ކުރާނެ ކަމަށް ބެލެވޭއިރު އިންޓަ އޮތީ އޭނާ ދޫކޮށްލަން ތައްޔާރަށެވެ.

އިންޓަގެ ނައިބު ރައީސް ހާވިއާ ޒަނެއްޓީ ވިދާޅުވީ އެ ކްލަބުގައި އިކާޑީ އަށް އެއްވެސް ކަހަލަ މުސްތަގްބަލެއް އޮތް ކަމަކަށް ގަބޫލު ނުކުރާ ކަމަށާއި އޭގެ ބަދަލުގައި އިންޓަ އިން މަސަތްކަތް ކުރަމުންދަނީ ފޯވަޑް ލައުޓަރޯ މާޓިނެޒް ކްލަބުގައި މަޑުކުރުވުމަށް ކަމަށެވެ.

ބާސެލޯނާގެ ޔޫތު ޓީމަށް ކުރިން ކުޅުނު އިކާޑީ ވަނީ މިސީޒަނުގައި ޕީއެސްޖީ ޖާޒީގައި 17 ލީގް ގޯލު ޖަހައިފައެވެ. މި ސީޒަނަށް ފަހު ދާއިމީ އެއްބަސްވުމެއްގައި އޭނާ މަޑުކުރުވާނަމަ ޕީއެސްޖީ އިން އިންޓަ އަށް 74 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ.