ކޮވިޑް-19 އާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސި ލީގުގެ ކުޅުންތެރިން ދެކޮޅު ހަދަމުންދިޔަ ކަމަށް ދެކެވުނު ވާހަކަތަކާ ގުޅިގެން، ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް، ސިޔާސީ ބޭފުޅުންނަށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.

އިނގިރޭސި ވިލާތުގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް އެގައުމުގެ ސިޔާސީ ބޭފުޅުން ގޮވާލާފައިވާއިރު، އޭރުވެސް ބައެއް ކުޅުންތެރިން ބުނެފައި ވަނީ ކުޅުންތެރިންގެ ފަރާތުން ލިބެން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރުން ނިޒާމެއް ހޯދަން ޖެހޭ ކަމަށެވެ.

ޚާއްސަކޮށް ކުޅުންތެރިންގެ އަތުން ކެނޑޭ މުސާރަ، ސީދާ ކޮވިޑް-19 އާ ދެކޮޅަށް ހަރަދު ކުރެވޭނެ ގޮތެއް ހޯދުމަށް، ވޭން ރޫނީއާއި ގެރީ ނެވިލް އަދި ލިނެކާ ފަދަ ކުޅުންތެރިން ވަނީ ގޮވާލައިފައެވެ.

އެ ކުޅުންތެރިންނާ އެއްކޮޅަށް ވާހަކަ ދައްކަމުން ލަމްޕާޑް ބުނެފައި ވަނީ ސިޔާސީ ފަރާތްތަކުން ކުޅުންތެރިންނާ ދޭތެރޭ ދެކެފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، ކުޅުންތެރިން އޭރުވެސް ތިބީ އެހީތެރިވުމަށް ތައްޔާރަށް ކަމަށެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ކްލަބުތަކުން އެކި ފެންވަރުގައި ކުރަމުންދާ މަސައްކަތަަށް ލަމްޕާޑް ވަނީ ތައުރީފްވެސް ކޮށްފައެވެ.

ލަމްޕާޑް ބުނެފައި ވަނީ ކޮވިޑް-19 އާ ދެކޮޅަށް ޗެލްސީން ވެސް ވަރަށް އަވަހަށް މަސައްކަތް ކުރަން ފެށި ކަމަށާއި، ހޮޓެލްތައް ވެސް ސިއްހީ ދާއިރާގެ އެހީތެރިކަމަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ސިއްހީ އިދާރާގެ ސެކްރެޓަރީ މާޓިން މީޑިއާ މެދުވެރިކޮށް، ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ގޮވާލުމުން އެކަމާ ދެކޮޅަށް ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު، ކުޅުންތެރިން އަމިއްލައަށް އިސްނަގާ، އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.