ފުޓުބޯޅަ ދުނިޔޭގައި އަބަދުވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ކުޅުންތެރިއަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މީސް މީޑިއާގައި އެންމެ ނުފޫޒުގަދަ ކުޅުންތެރިއަކީވެސް ހަމަ ރޮނާލްޑޯއެވެ. ކޮވިޑް 19އާއި ގުޅިގެން ލީގުތަކުގެ ކުޅުން ހުއްޓިފައިވާއިރު، ހުރިހާ ފުޓުބޯޅަ ކުޅުންތެރިން ކަހަލަ ގޮތަކަށް ތިބީ ގޭތެރޭގައެވެ. ރޮނާލްޑޯވެސް މިވަގުތު ހުރީ އާއިލާއާއެކު ފުރަބަންދުގައެވެ.

ފުރަބަންދުގައި ރޮނާލްޑޯ ހުރިއިރު، ފޭނުންނަށް އެންމެ ބޮޑަށް ދައްކުވައިދޭ މަންޒަރަކީ ފިޓްނެސް ކަސްރަތުތައް ގޭގައި ކުރާ މަންޒަރުތަކެވެ. ވަކިން ޚާއްސަ ޗެލެންޖުތައްވެސް ސަޕޯޓަރުންނަށް ދޫކޮށްލާއިރު، ލޯބިވެރިޔާގެ އިތުރުން ދަރިންނާއެކު ކަސްރަތުކުރާ މަންޒަރުތައްވެސް ބައެއް ފަހަރު ފެނިގެންދެއެވެ. އެ ހުރިހާ ވީޑިއޯ އަކަށްވެސް އާންމުންގެ ތަރުހީބު ބޮޑެވެ. ސަމާލުކަން އިންތިހާއެވެ.

އިއްޔެ ރޮނާލްޑޯ މީސް މީޑިއާއަށް ދޫކޮށްލި ވީޑިއޯއަކީ "ކިއުޓް" ވީޑިއޯއެކެވެ. ރޮނާލްޑޯ ކަސްރަތައިގެން ކުރިއަށް ދަނިކޮށް، އޭނާގެ ލޯބި ލޯބި ދެދަރިން ރޮނާލްޑޯއަށް ކުޑަކޮށް އުނދަގޫ ކޮށްލާތަން ވީޑިއޯގައި ފެންނައިރު، ކުދިން ބޭނުންކޮށްގެން ރޮނާލްޑޯ ވަނީ ކަސްރަތު ފުރިހަމަކޮށްލާފައެވެ. ދެކުދިންވެސް އަތުކޮޅަށް ނަގައިގެން ކަސްރަތުތައް ކޮށްފައިވާއިރު، އެ ވީޑިއޯ ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

https://www.youtube.com/watch?v=wSz7WEnZ5s4

ޕޯޗުގަލްގައި ފުރަބަންދު އިއުލާން ކޮށްފައިވާއިރު، ރޮނާލްޑޯއަށް ގޭގައި ހުރުންވެސް ވަނީ އުނދަގޫ ކަމަކަށްވެފައެވެ. އެގޮތުން ހުއްދައަކާ ނުލާ ބޭރަށް ނުކުމެ، މެޑެއިރާގެ ދަނޑުގައި ރޮނާލްޑޯ ތަމްރީނު ކުރިކުރުމަކަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައެވެ. އަދި ސަރަހައްދުގެ ސިއްހީ މާހިރުން ވަނީ ރޮނާލްޑޯއަށް ނަސޭހަތްވެސް ދީފައެވެ.