ސްޕެއިންގެ ގަދަ ބާރު، ބާސެލޯނާގެ ބޯޑުގެ މައްސަލަތައް މިވަނީ އިންތިހާއަށް ހޫނުވެފައެވެ. ކްލަބުގެ ހިންގުމުގައި ފާހަގަކޮށްލެވުނު ބައެއް ފަރާތްތަކުން އިސްތިއުފާ ދީފައިވާއިރު، މިހާރު ވަނީ ގާނޫނީ ގޮތުން ބޮޑެތި ހަނގުރާމަތަކެއް ފެށިފައެވެ. އިސްތިއުފާ ދީފައިވާ ނައިބު ރައީސުންނާއި، މިހާރުގެ ރައީސް ޖޯސެފް މާރިއާ ބާޓެމޭއޯއާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުވަމުންދާއިރު، ކްލަބުގެ ނައިބު ރައީސެއް ކަމަށްވާ އެމިލީ ރޫސޯޑް ވަނީ "ބާސެލޯނާ ބޯޑުން ކޮރަޕްޝަން ހިންގާފައިވާކަން އެނގޭ،" ކަމަށް ބުނެފައެވެ.

ބާސާ ހިންގަމުންދާ ގޮތާ ދޭތެރޭ ހިތްހަމަ ނުޖެހިގެން، މިދިޔަ ހަފްތާ ތެރޭގައި ކްލަބު ބޯޑުގެ ހަ މެމްބަރަކު ވަނީ އިސްތިއުފާ ދީފައެވެ. އޭގެ ތެރޭގައި ހަތަރު ނައިބު ރައީސުން ހިމެނޭއިރު، ރޫސޯޑްވެސް ހިމެނެއެވެ. ބާސާއިން ކްލަބުގެ ކަންކަން ހިންގުން ރަނގަޅު ކުރުމަށް އިންތިހާބަކަށް ދިޔުމަށް އެ މެމްބަރުން ގޮވާލިއިރު، ކްލަބުގެ ގިނަ ކަންކަން ހިނގަނީ އުސޫލުން ބޭރުން ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އޭގެ ތެރޭގައި ކްލަބުގެ ކުޅުންތެރިންނަށް މީސް މީޑިއާގައި ފާޑު ކިޔާ، ކުޅުންތެރިންގެ އަގުވައްޓާލާ، ރައީސް ބާޓެމޭއޯއާގެ އިމޭޖް ރަނގަޅު ކުރުމަށް ނުހައްގުން ކުންފުންޏަކާ ހަވާލުކުރި ގޮތަށްވެސް ކުރީގެ މެމްބަރުން ވަނީ ފާޑު ކިޔާފައެވެ. އެ ފާޑު ކިޔުންތަކަށް ބާސާގެ ބޯޑުން ރައްދު ދެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރޫސޯޑް ދައްކާފައި ވަނީ އޭނާގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމުގެ ވާހަކަތަކެއް ކަމަށާއި، އެކަމާ ދެކޮޅަށް ދައުވާ ކުރަން ހުށަހަޅާނެ ކަމަށެވެ.

އެ ވާހަކަތަކަށް ރޫސޯޑް އަނެއްކާވެސް ރައްދު ދީފައިވެއެވެ. ރޫސޯޑް ބުނެފައި ވަނީ އެކްސްޓާނަލް އޮޑިޓްއަކުން ބާސާގެ ފަތިފުށް ފެންނާނެ ކަމަށެވެ. ކުންފުނިތަކަށް އެކިއެކި ކޮންޓްރެކްޓްތައް ދިނުމުގައި ކޮރަޕްޝަނަށް މަގުފައިވާ ކަންކަން ހިނގާފައިވާ ކަމަށާއި، ޓެކްސް ގާނޫނުތަކަށް އޮޅުވާލުމުގެ ކަންކަންވެސް އޭގެ ތެރޭގައި ހިނގާފައިވާ ކަމަށް ރޫސޯޑް ބުނެފައިވެއެވެ.

ރޫސޯޑް ވަނީ ބާސާގެ ކުޅުންތެރިންނަށް މީސް މީޑިއާގައި ފާޑު ކިޔަން ކުންފުންޏަކާ ހަވާލުކުރި ކުރުމަކީ ކޮރަޕްޝަނުން ކޮށްފައިވާ ކަމެއް ކަމަށް ބުނެފައެވެ. އޭނާގެ ބަޔާނުގައި ބުނެފައި ވަނީ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި، ބާސާގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ކޮށްދީފައިވާނީ އިހުލާސްތެރި އަގުހުރި މަސައްކަތްތަކެއް ކަމަށެވެ.

ބާސާގެ މައްސަލަ ގޯހުން ގޯހަށް ދަމުންދާއިރު، އެ ކްލަބުގެ އިންތިހާބަކަށް ތައްޔާރުވާން މިހާރު ރައީސަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. ކުރިން އޮތް ގޮތުން އަންނަ އަހަރު ބޯޑުގެ އިންތިހާބު އޮތް ނަމަވެސް، އޭގެ ކުރިން އިންތިހާބަކަށް ދިޔުން ގާތެވެ.