މި ސީޒަނަށްފަހު ޕީއެސްޖީގެ ކޯޗުކަމުގެ މަގާމު ދޫކޮށްލުމަށް އެ ކްލަބުގެ ކޯޗު އުނާއި އެމެރީ ނިންމައިފިއެވެ.

2016 ވަނަ އަހަރު ސެވިއްޔާ ދޫކޮށްލުމަށްފަހު އެމެރީ ޕީއެސްޖީ އާއި ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން މި ސީޒަނަށްފަހު ޕީއެސްޖީ އާއެކު އެމެރީ ހަދާފައިވާ ކޮންޓްރެކްޓުގެ މުއްދަތު ހަމަވާނެއެވެ.

"މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން މި ކްލަބުގެ ކުޅުންތެރިންނަށާއި އިސްވެރިންނަށް އަހަރެން މިހާރު ވާނީ އަންގާފަ. މި ދެ އަހަރުތެރޭ ޕީއެސްޖީގެ އިސްވެރިންނާއި ކުޅުންތެރިން އަހަންނަށް ދިން ސަޕޯޓަށް ޝުކުރު އަދާކުރަން" އުމުރުން 46 އަހަރުގެ އެމެރީ ބުންޏެވެ.

އެމެރީގެ ފުރަތަމަ ސީޒަނުގައި ޕީއެސްޖީ އިން ދަށް ނަތީޖާތަކެއް ނެރުނުއިރު ފްރެންޗް ލީގު ވެސް އެ ކްލަބަށް އެފަހަރު ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. އެފަހަރު ފްރެންޗް ލީގު ކާމިޔާބުކުރީ މޮނާކޯ އިންނެވެ.

ނަމަވެސް ޕީއެސްޖީ އިން މި ސީޒަނުގައި ވަނީ މިހާތަނަށް ފްރެންޗް ލީގާއި ފްރެންޗް ލީގު ކަޕް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ފްރެންޗް ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު ވެސް ޕީއެސްޖީ އަށް އަދި އެބައޮތެވެ.

އެމެރީ އަށްފަހު ޕީއެސްޖީގެ ކޯޗަކަށް ދެން އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބްރޫޝިއާ ޑޯޓްމަންޑަށް މީގެކުރިން ކޯޗުކަން ކޮށްދިން ތޯމަސް ޓުޗެލް ކަމަށް ރިޕޯޓުތަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު