ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ބާސެލޯނާގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ އަށް ހައްގު ކަމަށް ރެއާލްގެ މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

އިނިއެސްޓާ އަށް އޭނާގެ ކެރިއަރުގައި ބެލޮންޑިއޯ އެވޯޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި 2010 ވަނަ އަހަރު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކުރުމުން ބެލޮންޑިއޯ އެވޯޑު އެފަހަރު އެންމެ ހައްގީ އިނިއެސްޓާ އަށެވެ. ސްޕެއިން އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ގޯލު ވެސް އެފަހަރު ކާމިޔާބުކުރީ އިނިއެސްޓާ އެވެ. މީގެއިތުރުން އިނިއެސްޓާ ވަނީ އެ އަހަރުގެ ސީޒަނުގައި ބާސާ އާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ނަމަވެސް އިނިއެސްޓާ ފަހަތަށް ޖައްސާލުމަށްފަހު އެފަހަރު ބެލޮންޑިއޯ އެވޯޑު ހޯދީ އޭނާއާއެކު ބާސާ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީއެވެ.

ބާސާގައި 22 އަހަރު ހޭދަކުރުމަށްފަހު މި ސީޒަން ނިމުމުން އެ ކްލަބު ދޫކޮށްލަން ނިންމާފައިވާކަން އިނިއެސްޓާ އިއްޔެ ހާމަކޮށްފައިވާއިރު ޒިދާން ބުނީ އޭނާ އަށް އެންމެ ކަމުދަނީ ދަނޑު މަތީގައި ހުރިހާ ކަމެއް ކުރެވޭ އަދި ދަނޑުން ބޭރުގައި ވަރަށް ހަމަޖެހިލައިގެން ތިބޭ ކުޅުންތެރިން ދެކެ ކަމަށާއި އިނިއެސްޓާ އަކީ އެފަދަ ކުޅުންތެރިއެއް ކަމަށެވެ.

އަދި އިނިއެސްޓާ އަކީ އެތަށް ބައެއް ހުވަފެން ހަގީގަތަކަށް ހަދާދީފައިވާ މީހެއް ކަމުން އޭނާ އަށް ބެލޮންޑިއޯ އެވޯޑު ހައްގުވާ ކަމަށްވެސް ޒިދާން ބުންޏެވެ.

"އިނިއެސްޓާ އަށް ބެލޮންޑިއޯ އެވޯޑު ހައްގުވޭ. ވަކިން ހާއްސަކޮށް އޭނާ ވޯލްޑް ކަޕް ކާމިޔާބުކުރި އަހަރު. އެއީ ވަރަށް ސާފު ކަމެއް. އެފަހަރު އޭނާ އަށް އެ އެވޯޑު ހައްގު" ޒިދާން ބުންޏެވެ.

މި ސީޒަނަށްފަހު އިނިއެސްޓާ ބާސާ ދޫކޮށްލަން ނިންމާފައިވާއިރު އޭނާ ދެން ކުޅޭނެ ކްލަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓުތަށް ބުނާ ގޮތުން އިނިއެސްޓާ ދެން ފެނިގެންދާނީ ޗައިނާގެ ކްލަބަކުންނެވެ.

އުމުރުން 33 އަހަރުގެ އިނިއެސްޓާ ވަނީ ބާސާ އަށް މިހާތަނަށް ޖުމްލަ 670 މެޗު ކުޅެދީ 57 ގޯލު ކާމިޔާބުކޮށް 141 އެސިސްޓު ހަދާފައެވެ.

ބާސާގެ ކެޕްޓަންކަން ވެސް މިހާރު ކުރަމުން އަންނަ އިނިއެސްޓާ ވަނީ އެ ކްލަބާ އެކު 31 ތަށި ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ސްޕެނިޝް ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޭޔަރު

    ރަނގަޅުވާހަކައެއް ތިބުނީ، ޒިދާން އުފަން ގައުމުގެ ރިބެރީއައްވެސް ތިބުނާ އެވޯޑެއް ހައްގު އެފަހަރު އެ އެވޯޑު ދިނީ ރޮނާލްޑޯއައް