މި ސީޒަނަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެ ކްލަބު ދޫކޮށްލުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ސްޕެއިން އަށް އުފަން ޑެހެއާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރު ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އެގޮތުން ޑެހެއާ ދައްކަމުންދާ މޮޅު ކުޅުމާ އެކު އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުތަށް ބުނެއެވެ.

ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ސީޒަނަށްފަހު ޑެހެއާ ޔުނައިޓެޑް ދޫކޮށްލާނެތޯ ސުވާލުކުރުމުން ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ ޑެހެއާ ޔުނައިޓެޑް ދޫކޮށްލުމުގެ "އެއްވެސް ފުރުސަތެއް ނެތް" ކަމަށެވެ.

ޑެހެއާ ވިއްކާލަން ޔުނައިޓެޑުން ދެކޮޅަށް ހަދާއިރު ރިޕޯޓުތަށް ބުނާގޮތުން ޔުނައިޓެޑުން މިހާރު އަންނަނީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ޑެހެއާ ޔުނައިޓެޑާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށްފަހު ހަމަވާނެއެވެ.

2011 ވަނަ އަހަރު ޑެހެއާ ޔުނައިޓެޑާއި ގުޅުނުއިރު އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް 311 މެޗު ކުޅެދީފައެވެ. ޑެހެއާ ވަނީ ޔުނައިޓެޑާ އެކު މިހާތަނަށް ޕްރިމިއަރ ލީގަކާއި އެފްއޭކަޕެއްގެ އިތުރުން ޔޫރޮޕާ ލީގެއް ކާމިޔާބުކޮށްފައެވެ.

ޑެހެއާ ޔުނައިޓެޑްގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު ސްޕެއިންގެ ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުގެ މަގާމު ވެސް އޭނާ މިހާރު ވަނީ ލިބިގެން ގޮސްފައެވެ.