ލޯންގް ޖަމްޕުގެ ދުނިޔޭގެ ޗެމްޕިއަން ސާބިއާގެ ކުޅަދާނަ އެތުލީޓް އިވާނާ ސްޕަނޯވިޗް ހުޅުމާލޭ ޓްރެކުގައި ތަމްރީންތަކެއް ފުރިހަމަ ކުރަން ފަށައިފިއެވެ.

އިވާނާ ރާއްޖޭގައި ތަމްރީން ހަދަމުންދަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފަހިކޮށްދިން ފުރުސަތެއްގައެވެ. އޭނާ އެކަމަަށް ޝައުގުވެރިކަން އުފެދުނީ ނިމިދިޔަ އަހަރު ޗުއްޓީއެއް ހޭދަކޮށްލުމަށް ރާއްޖެ އައިސް އުޅުމުގެ ތެރޭގައެވެ.

އިވާނާ ބުނީ މީގެ ކުރިން އޭނާ ރާއްޖެ އަންނަނީ ދިގު ސީޒަނަކަށް ފަހު ޗުއްޓީ ހޭދަކޮށްލަން ކަމަށާއި، މިއީ ރާއްޖެއަށް ޓްރެއިނިން އެއް ހަދަން އައި ފުރަތަަމަ ފަހަރު ކަމަށެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އޭނާއަށް އެފުރުސަތު ފަހިކޮށްދިނުމުން ވަރަށް އުފާވާކަން އޭނާ ފާހަގަ ކުރެއެވެ.

އަދި އިވާނާ ޓްރެއިނިން އަށް ބޭނުންވާ ޝަރުތުތައް ފުރިހަމަ ކޮށްދިނުގެ ގޮތުން އެތުލެޓިކް އެސޯސިއޭޝަން އާއި ޔޫތު މިނިސްޓްރީން ހުޅުމާލެ ޓްރެކުގައި ހުރި ލޯންގް ޖަމްޕް ޕިޓް ރަނގަޅު ފެންވަރަކަށް ތަރައްގީ ކޮށްދީފައިވާތީ، އެކަން އިވާނާ ވަނީ ފާހަގަކޮށްފަ އެވެ.

އިންޑޯ އާއި އައުޓްޑޯ އިވެންޓުތަކުގައި ވެސް ކާމިޔާބު އެތުލީޓް އުމުރުން 27 އަހަރުގެ އިވާނާ އާއި އޭނާގެ ކޯޗު ގޯރާން އޮބްރަޑޯވިޗް ރާއްޖެ އައިސް ތަމްރީންތައް ފުރިހަމަ ކުރަމުންދަނީ އިންޑޯ ސީޒަން ނިންމާލުމަށް ފަހު އެވެެ.

އިވާނާ ވަނީ 2008 ވަނަ އަހަރު ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގެ ރަން މެޑަލް، 2013 ވޯލްޑް ޗެމްޕިއަންޝިޕް، ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްން ލޯ މެޑަލް، 2015 ޔޫރަޕިއަން އިންޑޯ ޗެމްޕިއަންޝިޕްން ރަން މެޑަލް، ހަމަ އެހަރު ވޯލްޑް ޗެމްޕިއަންޝިޕްން ލޯ މެޑަލް، 2016 ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްން ރިހި މެޑަލް، 2016 ޔޫރަޕިއަން ޗެމްޕިއަންޝިޕްން ރަން މެޑަލް، 2016 އޮލިމްޕިކްސްގެ ލޯ މެޑަލް، 2017 ޔޫރަޕިއަން އިންޑޯ ޗެމްޕިއަންޝިޕްގެ ރަން މެޑަލް، އަދި މިއަހަރު ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދާފައެވެ.

ރާއްޖޭގެ ރީތިކަމަށް ތައުރީފް ކުރަމުން އިވާނާ ބުނީ މުސްތަގުބަލުގައި ރާއްޖެ އަށް ދުނިޔޭގެ ފެންވަރުގެ އިތުރު އެތުލީޓުން ޓްރެއިނިން ފުރިހަމަ ކުރަން އަންނާނެ ކަމަށާއި ސަބަބަކީ އެތުލީޓަކަށް ބޭނުންވާ ގިނަ ކަންތައްތަކެއް ރާއްޖޭގައި ފަހިވެފައިހުރުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޓޫރިޒަމް އަށް ވެސް ފައިދާކުރާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.

އިވާނާ އަށް އެ މަންޒަރުތައް ކޮންމެ ދުވަހަކު ފެނެ އެވެ. އޭނާ ބުނީ އެތުލީޓަކަށް ކާމިޔާބާ ހަމަޔަށް ދެވެނީ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަވެގެން ކަމަށެވެ.

އިވާނާ އޭނާގެ ޓްރެއިނިން ފުރިހަމަ ކުރުމަށް ފަހު ފުރަން ހަމަޖެހިފައިވަނީ މާދަމާ އެވެ.