އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑް ގަތުމަށް ސައުދީ އަރަބިއްޔާއިން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީގެ ކުރިން ޖެނުއަރީ މަހުން ފެށިގެން ނިއުކާސަލް ވިއްކާލުމުގެ ވާހަކަތަކެއް އަޑުއިވިފައިވާއިރު، މިހާރު އެކަމުގެ އެންމެފަހުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. މިހާރުގެ ވެރިޔާ މައިކް އެޝްލީ ނިއުކާސަލް ވިއްކާލުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ފައިނޭޝިއަލް ފިކްސާއެއް ކަމަށްވާ އަމާންޑާ ސްޓެވެލީއާއެވެ.

ނޫސްތަކުން ބުނެފައި ވަނީ ނިއުކާސަލް އަގުކޮށްފައި ވަނީ 300 މިލިއަން ޕައުންޑަށް ކަމަށެވެ. އަދި އެ އަގަކަށް ދެ ކުންފުންޏެއްގެ ބިޑް ހުށަހަޅާފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ. އޭގެ ތެރެއިން އެއް ކުންފުންޏަކީ ސައުދީ ޝާހީ އާއިލާގެ ސޮވަރެން ފަންޑެވެ. އަދި އަނެއް ފަރާތަކީ ބިލިއަނަރުން ކަމަށްވާ ރިއުބެން ބުރަދާސްއެވެ. ރިޕޯޓްތައް ބުނެފައި ވަނީ އޭގެ ތެރެއިން ނިއުކާސަލް ގަތުމުގެ ފުރިސަތު އޮތީ ސައުދީއަށް ކަމަށެވެ.

މީގެ ކުރިން ސައުދީގެ ޝާހީއާއިލާގެ އިންސާނިއްޔަތާ ހިލާފު މައްސަލަތަކެއް އެމްނެސްޓީން ބަލަމުންދިޔުމާއި ގުޅިގެން، ނިއުކާސަލް ވިއްކުން އޭރު މަޑު ޖައްސާލި ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް މިހާރު ނިއުކާސަލް ވިއްކާލުމުގެ ރަސްމީ މަސައްކަތްތަކުގައި ޕްރިމިއާ ލީގުންވެސް ހަރަކާތްތެރިވާން ފަށައިފިއެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ ޑެއިލީ މެއިލް ބުނެފައި ވަނީ ސައުދީން ނިއުކާސަލް ގަތުމަށްފަހު އެންމެ ފުރަތަމަވެސް ކްލަބަށް ގެންނާނީ އާ ކޯޗެއް ކަމަށެވެ. އެ ކޯޗަކީ ކުރިން ޔުވެންޓަސްގެ ކޯޗު މެސެމިލިއާނޯ އެލެގްރީ ކަމަށް ވުން ގާތް ކަމަށްވެސް ޑެއިލީ މެއިލް ބުނެފައިވެއެވެ. އަދި އެއާއެކު ޔޫރަޕްގައި ފާހަގަކޮށްލެވޭ ތަރިން ނިއުކާސަލްއިން ފެނި، ކްލަބުގެ މަންޒަރު ފުޓުބޯޅަ ދުނިޔޭގައި ތަފާތު ވެގެންދާނެ ކަމަށްވެސް ޑެއިލީ މެއިލްއިން ލަފާކޮށްފައިވެއެވެ.

މީގެ ކުރިންވެސް އަރަބު ބައެއް މަހުޖަނުން ގަނެފައިވާ ކްލަބުތަކަށް ވަނީ އިންގިލާބީ ބަދަލުތައް ގެނެސްފައެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއާއި ފްރާންސްގެ ޕީއެސްޖީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޯބި ލޯބި ނިއުކާސްލް

    އަޅުގަނޑު ގެ ފެވަރިޓް ޕްލޭޔަރ އަދި ކޯޗު އުޅުނު ޓީމް.

    ވިޝް ޔޫ އޯލްދި ބެސްޓް.

    6
    2
  2. ސހަކެޔ

    ނިއުކާސަލް ނުގަނެ ރާއްޖެއައް އެހީ ވިއްޔާ މާރަނގަޅެއްނުން. ގައިމު ނިއުކާސަލް ގަތަކަސް ސަވާބެއް ނުލިބޭނެ.

  3. ހޮޅިފެން

    ކޮން ޕުރިމިއަރ ލީގެއް ނިއު ކާސަލް އެއްތަ... މި ބަލި ކޮންޓްރޯލް ނުވެއްޖެއްޔާ ގޮވާނީ އަތަށް