އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ލިވަޕޫލަށް ހައްގު ކަމަށް ވާދަވެރި މެންޗެސްޓާ ސިޓީގެ ޒަމާންވީ ސަޕޯޓަރު އަދި މަޝްހޫރު ގިޓަރިސްޓް ނޮއެލް ގަލެގާ ބުނެފިއެވެ.

ކޮވިޑް 19 އާ ގުޅިގެން އިނގިރޭސިލީގުގެ މެޗުތައް މެދުކަނޑާލިއިރު، ބާކީ ޓީމުތަކަށް އޮތީ ނުވަ މެޗެވެ. ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި އޮތީ 25 ޕޮއިންޓްގެ ލީޑެއްގައެވެ. ދެވަނައިގައި އޮތީ ސިޓީއެވެ.

ލީގުގެ ބާކީ ބައިގައި ހަދާނެ ގޮތެއް އަދި ނިންމިފައިނުވާއިރު، އިނގިރޭސި ލީގުތަކުގެ އިސް ފަރާތްތަކުން ކުރި މަޝްވަރާގައި ބޮޑަށް ބުރަވެފައިވަނީ ސަޕޯޓަރުންނާ ނުލާ، މަދު ދުވަސް ކޮޅެއްގެ ތެރޭގައި، އެއް ސްޓޭޑިއަމްއެއްގައި މެޗުތައް ކުޅުމަށެވެ. އެހެންނަމަވެސް އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، އަލުން ލީގު މެޗުތައް ކުޅޭނެ ކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދެއެވެ.

"ލިވަޕޫލުން ތަށި ހޯދައިފި. އެޓީމަށް ހައްގުވެސް ހައްގު ތަށި. އެޓީމަށް ތަށި ދޭންވީ. އެކަމަކު އެހެން ހަދައިފި ނަމަ، ދަށް ޑިވިޝަންތަކުގެ ރެލިގޭޝަނާއި ޕްރޮމޯޝަނަށް ހަދާނެ ގޮތެއްވެސް ހޯދަން ޖެހޭ. ކޮންމެ ގޮތެއްވިޔަސް މި ސީޒަން ކުރިއަށް ގެންދަން އުނދަގޫވާނެ. އެއީ އަހަރެން ގަބޫލުކުރާ ގޮތެއް ނޫން ސަޕޯޓަރުންނާ ނުލާ ކުޅުމަކީ،" ގަލެގާ ބުނެފައިވެއެވެ.

ގަލެގާގެ ވިސްނުން އެހެން ހުރި ނަމަވެސް، ބައެއް ފުޓުބޯޅަ ޕަންޑިތުން ބުނެފައި ވަނީ މި ސީޒަނަކީ ބާތިލު ސީޒަނަކަށް ހެދުން ނޫން ގޮތެއް ނެތް ކަމަށެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ފާޑިނެންޑްވެސް ބުނެފައި ވަނީ މި ސީޒަނަކީ ބާތިލު ސީޒަނަކަށް ހަދާ، އަންނަ ސީޒަނަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.