ބާސެލޯނާގެ އެތެރޭގައި މި ވަގުތު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ކްލަބް ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން ކޯޗު ކީކޭ ސެޓިއެން ދީފިއެވެ.

ބާސެލޯނާ މިހާރު ހިންގާ ގޮތާއި މެދު ހިތްހަމަނުޖެހިގެން އެ ކްލަބްގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެމްބަރަކު ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދީފައިވާ ނައިބު ރައީސުންނާއި، މިހާރުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޮއާ ދެމެދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުވަމުންދާއިރު، ކްލަބުގެ ނައިބު ރައީސެއް ކަމަށްވާ އެމިލީ ރޫސޯޑް ވަނީ "ބާސެލޯނާ ބޯޑުން ކޮރަޕްޝަން ހިންގާފައިވާކަން އެނގޭ،" ކަމަށް ބުނެފައެވެ.

ބާސާއިން ކްލަބުގެ ކަންކަން ހިންގުން ރަނގަޅު ކުރުމަށް އިންތިހާބަކަށް ދިޔުމަށް އިސްތިއުފާ ދީފައިވާ މެމްބަރުން ގޮވާލިއިރު، ކްލަބުގެ ގިނަ ކަންކަން ހިނގަނީ އުސޫލުން ބޭރުން ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އޭގެ ތެރޭގައި ކްލަބުގެ ކުޅުންތެރިންނަށް މީސް މީޑިއާގައި ފާޑު ކިޔާ، ކުޅުންތެރިންގެ އަގުވައްޓާލާ، ރައީސް ބާޓޮމެއުގެ އިމޭޖް ރަނގަޅު ކުރުމަށް ނުހައްގުން ކުންފުންޏަކާ ހަވާލުކުރި ގޮތަށްވެސް ކުރީގެ މެމްބަރުން ވަނީ ފާޑު ކިޔާފައެވެ.

ބާސެލޯނާގެ މެނޭޖްމަންޓާއި ކުޅުންތެރިންނާއި ދެމެދު ގުޅުން ހީނަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނަމުން އަންނަ ނަމަވެސް ކޯޗު ސެޓިއެން ވަނީ އެ ކްލަބުގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް ދީފައެވެ. މީޑިއާތަކާއި ވާހަކަ ދައްކަމުން ސެޓިއެން ބުނީ ބާސާގެ އެންމެ މުހިއްމު ކުޅުންތެރިޔާ ލިއޮނެލް މެސީ ކްލަބް ދޫކޮށްލަން އުޅޭ އަޑުތަކަކީ ހަގީގަތެއް ނެތް ދޮގު ހަބަރުތަކެއް ކަމަށެވެ. ސެޓިއެން ބުނީ މެސީ އޭނާގެ ކެރިއަރު ނިންމާލާނީ ބާސާގައި ކަމަށެވެ.

“ ބާސާ އަކީ ބޮޑު ކްލަބެއް. ބޮޑު ކްލަބެެއްގައި މިފަދަ އަޑުތައް އެރުމަކީ ނޯމަލް ކަމެއް. އަހަންނަށް ގަބޫލު ނުކުރެވޭ ފާއިތުވެދިޔަ ދުވަސްތަކުގައި ހިނގާދިތަ ކަންތައްތަކުގެ ސަބަބުން ވަކި މެސީ އަށް ޕްރެޝަރު ބޮޑުވިހެން ކްލަބް ބަދަލު ކުރަން. އޭނާ ކެރިއަރު ނިންމާލާނީ މި ކްލަބުގައި. އެކަމުގެ ޔަގީންކަން އަހަންނަށް އެބައޮތް، “ ސެޓިއެން ބުންޏެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ މުސްތަގުބަލާ ގުޅުވައިގެން މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވެމުން އަންނައިރު މެސީ އިންގްލަންޑުގެ މެންޗެސްޓާ ސިޓީ ނުވަތަ އިޓަލީގެ އިންޓަ މިލާނަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވަނީ ދާދި ފަހުން ފެތުރިފައެވެ.