ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ސީނިއަރ ޤައުމީ އަންހެން ޓޭބަލް ޓެނިސް ޓީމް ސްވިޑްންއަށް ދިއުމަށް ފުރައިފިއެވެ.

މިމަހުގެ 29ން މެއިމަހުގެ 6 އަށް ސްވިޑްންގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ފުރި ޓީމުގައި ހިމެނެނީ 5 މެމްބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ކުޅުންތެރިންނާއި ކޯޗާއި މެނޭޖަރެވެ. ރާއްޖޭގެ ސިނީއަރ ޤައުމީ އަންހެން ޓީޓީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މުއީނާ މުހައްމަދުއެވެ.

ވަގުތު ނޫހަށް މައުލޫމާތު ދެއްވަމުން އެތްލެޓިކްސް އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރު އިބްރާހިމް ލަތީފް ވިދާޅުވީ ޓީމުގައި ހިމެނޭ ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނަކީ ވަރަށް ތަޖުރިބާ މަދު ޖޫނިއަރ ދެކުޅުންތެރިން ކަމަށާއި، އޭގެ ތެރެއިން ދީމާ އަކީ އެންމެ 10 އަހަރުގެ ކުޅުންތެރިއެއް ކަމަށެވެ. އެހެން ކަމުން މިފަދަ ބޮޑު މުބާރާތަކަށް ދިއުން ވާނީ ވަރަށް ބޮޑު ތަޖުރިބާއަކަށް ކަމަށެވެ.

"މިއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ގަޮތަށް ބޭއްވޭ ޓީޓީ އެއްމެ ބޮޑު މުބާރާތް. އެހެންވީމާ އުމުރުން އެއްމެ 10 އަހަރުގެ ކުއްޖަކަށް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ވާދަކުރާ މުބާރާތެއްގައި ބައިވެރިވެވުން ވާނީ ވަރަށް ބޮޑު ތަޖުރިބާއަކަށް" ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ދެކުނު އޭޝިއާގެ ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތް ރާއްޖޭގައި ނިމިގެން ދިޔައީ ވަރަށް ފަހުން ކަމަށާއި، ސީނިއަރ ޤައުމީ ޓީޓީ ޓީމުގައި ހިމެނޭ ތިން ކުޅުންތެރިންގެ ތެރެއިން 2 ކުޅުންތެރިންނަކީ އެ މުބާރާތުގައި ވާދަކޮށް ރަނގަޅު ނަތީޖާ ނެރެފައިވާ ކުޅުންތެރިންނަށް ވުމުން މިމުބާރާތަށް ފުރުމުގެ ކުރިން ޓީޓީ ޓީމް މާބޮޑު ތަމްރީންތަކެއް ނުހަދާ ކަމަށެވެ، އެހެން ނަމަވެސް އެ މުބާރާތް ނިމި ފުރުމާދެމެދު ލިބުނު ކުޑަ ވަގުތުކޮޅު ތެރޭ ތިން ހަތަރު ޕްރެކްޓިސް ގެންދެވޭވަރުވީ ކަމަށެވެ.

ކޯޗް މުހައްމަދު ޔާސިރުގެ އިރުޝާދުގެ ދަށުން ސްވިޑްން އަށް ފުރި ޤައުމީ އަންހެން ޓީޓީ ޓީމުގެ އަމާޒަކީ މާ ބޮޑު ކާމިޔާބީއެއް ހޯދުން ނޫން ކަމަށާއި، އެހެން ނަމަވެސް ބޭނުމަކީ ޓީޓީ ޓީމުގެ ފެންވަރުމަތިކޮށް ރަނގަޅު ކުޅުންތެރިން އުފެއްދުން ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މަޢުލޫމާތު ދެއެވެ.

ރާއްޖޭގެ ސީނިއަރ ޤައުމީ އަންހެން ޓޭބަލް ޓެނިސް ޓީމް އެބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހުއެވެ.