ޔުުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ) ގެ އަލް-ފުޖައިރާ ފުޓްބޯޅަ ކްލަބްގެ ކޯޗު ކަމުން ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އިސްތިއުފާދީފި އެވެ.

މަރަޑޯނާ އަލް ފުޖައިރާއާ ހަވާލުވީ މިދިޔަ އަހަރުގެ މޭ މަހުއެވެ. ކުރިން ޔޫއޭއީގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރިނަމަވެސް މިހާރު ދެވަނަ ޑިވިޝަނުގައި ވާދަކުރާ، އަލް-ފުޖައިރާއިން މަރަޑޯނާއަށް ހަވާލުކުރި ޒިންމާއަކީ އެ ކްލަބު އަނބުރާ ފުރަތަމަ ޑިވިޝަނަށް ގެންދިއުމެވެ.

އާޖެންޓީނާއަށް ދުނިޔޭގެ ތަށި އުފުލާލަދިން އުމުރުން 57 އަހަރުގެ މަރަޑޯނާ އިރުޝާދު ދެމުންދިޔަ ޓީމަށް އަންނަ ސީޒަންގައި ފުރަތަމަ ޑިވިޝަން ނުކުޅެވޭނެކަން ޔަގީންވީ މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަން ލީގު ތާވަލުގެ ގަދަ ތިނަކަށް އެރުމުގެ ފުރުސަތު އެ ކްލަބަށް ގެއްލުމުންނެވެ. އެކްލަބަށް ފުރުސަތު ގެއްލިގެންދިޔައީ އިއްޔެ ކުޅުނު ލީގު މެޗުން އެއްވަރުވުމުންނެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އެތައް ކާމިޔާބީތަކެއް ހޯދުމަށްފަހު, އާޖެންޓީނާގެ ޤައުމީ ޓީމަށް ކޯޗުކަން ކޮށްދީފައިވާ މަރަޑޯނާއަކީ ދުނިޔޭގެ ފުޓުބޯޅައިގަ ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ނަމަވެސް، ކޯޗިން ކެރިއަރުގައި އޭނާއަށް މާއެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ

ޔޫއޭއީގެ އަލް-ވަސަލްއަށް ވެސް ކޯޗުކަން ކޮށްދީފައިވާ މަރަޑޯނާ، އެގައުމުގައި ހޭދަކުރި މިއީ ދެވަނަ ސީޒަނެވެ. އަލް ވަސަލް ގައި ވެސް ރަނގަޅު ކާމިޔާބީއެއް ނުހޯދުމުން އޭނާ ވަނީ އެ ކްލަބުގެ ކޯޗުކަމުން ވަކިކޮށްފައެވެ.