މި ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލް އަންނަ އޯގަސްޓް މަހުގެ 29 އަށް ތާވަލު ކުރަން ޔޫއެފާއިން މަސައްކަތް ފަށައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގައި ކުރިއަށް ފުޓްބޯޅަ މުބާރާތްތައް ހުއްޓިފައިވާ އިރު، ޔޫރަޕްގެ ފުޓުބޯޅަ ވެސް ވަނީ ހުއްޓިފައެވެ.

ޚާއްސަކޮށް ޔޫރަޕްގެ އެންމެ ވަރުގަދަ ލީގު، ޗެމްޕިއަންސް ލީގުގެ ކުޅުންވެސް ވަނީ ގަދަ 16 އާ ހަމައިން ހުއްޓިފައެވެ. ޔޫއެފާއިން ބުނެފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު މަޝްވަރާއަށް އިށީންނުމަށް ތައްޔާރުވަމުންދާ ކަމަށާއި، ބެލެވޭ ގޮތުގައި ޔޫރަޕްގެ ލީގުތައް، ސަޕޯޓަރުން ނުވައްދާ އަވަހަށް ނިންމާލާނެ ކަމަށެވެ.

އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމަށް ޔޫއެފާއިން ނިންމައިފި ނަމަ، ޔޫރޮޕާ ލީގުގެ ފައިނަލް އޮންނާނީ އޭގެ ތިން ދުވަސް ކުރިއަށެވެ. އަދި މިހާރު ޗެމްޕިއަންސް ލީގު ހުއްޓިފައި އޮތް ހިސާބުން ކުރިއަށް ގެންދަން ފަށާނެ ކަމަށް ޔޫއެފާއިން ހުށަހަޅަން ގަސްދުކޮށްފައި ވަނީ ޖުލައި އަދި އޯގަސްޓް މަހުގައެވެ.

މިނީ ޓޯނަމަންޓްތަކެއްގެ ގޮތުގައި ޔޫރަޕްގެ ލީގުތައް ނިންމަން ޔޫއެފާއިން ހުށަހަޅަން ގަސްދުކުރާއިރު، ޗެމްޕިއަންސް ލީގު ކުޅުމަށް ގަސްދުކޮށްފައިވަނީ ލީގުތައް ނިންމުމަށް ފަހުގައެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބައެއް މެޗުތައް ނިމިފައިވާއިރު، މިހާތަނަށް ކުއާޓާ ފައިނަލްއިން ޖާގަ ހޯދާފައި ވަނީ ޕީއެސްޖީ އާއި އެޓްލާންޓާގެ އިތުރުން ލެއިޕެޒް އަދި އެތުލެޓިކޯ މެޑްރިޑެވެ.