ދެ ހަފްތާ ވަންދެން ކުރި މަޝްވަރާތަކަށް ފަހު، މުސާރަތައް ދަށް ކުރުމަށް އާސެނަލްގެ ސީނިއާ ޓީމުގެ ކުޅުންތެރިން އެއްބަސް ވެއްޖެ އެވެ.

ކޮވިޑް 19އާއި ގުޅިގެން ދުނިޔޭގެ ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކެއްހެން ހުއްޓުމަކަށް އައިސްފައިވާއިރު، ކްލަބުތަކަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. ސީޒަން ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން ކްލަބުތަކުގެ މާލީ ހާލަތަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާއިރު، އެ ހަރަދުތައް ފޫބެއްދުމަށް ކްލަބުތަކުން ދަނީ އެކި ފެންވަރުގައި ފިޔަވަޅުތައް އަޅަމުންނެވެ.

ކޮވިޑް-19 ރޯގާއާ ހެދި ދިމާވެދާނެ ގެއްލުންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އާސެނަލް އިން ވަނީ، މުސާރަ ދަށް ކުރުމަށް އެކި ފަހަރުމަތިން އެ ކްލަބުގެ ކުޅުންތެރިންނަށް ހުށަހަޅާފަ އެވެ. އެހެންނަމަވެސް މީގެ ކުރިން ކުޅުންތެރިން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ.

އިންގްލެންޑް ކުޅުންތެރިންގެ ހައްގުގައި އުފައްދާފައިވާ ޔޫނިއަން ޕީއެފްއޭ އިން ވަނީ އެ ޔޫނިއަންގައި ރަޖިސްޓްރީވެފައިވާ އެއްވެސް ކުޅުންތެރިޔަކު މުސާރަ ކުޑަކުރަން އެއްބަސްނުވާން އަންގައިފައެވެ. ޕީއެފްއޭ އިން މިހެން ބުނީ ޕްރިމިއާ ލީގަކީ އާމްދަނީ ވަންނަ ބޮޑު ލީގެއް ކަމުން، މި މުއްދަތުގައި ކުޅުންތެރިންގެ މުސާރަ ކުޑަކޮށްގެން ބައެއް ކްލަބްތަކުން އޭގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮތުމުންނެވެ.

މުސާރަ ދަށްކުރުމާއި މެދު އާސެނަލް އިން އެންމެ ފަހުން އެ ކްލަބުގެ ކުޅުންތެރިންނާއެކު އެއްބަސްވުމަކަށް އައީ ސީނިއާ ޓީމުގެ ކޯޗު މިކެލް އާޓެޓާ މެޗުވެރިކޮށް ކުޅުންތެރިންނާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސިންގް ބައްދަލުވުމަށްފަހުއެވެ.

ދަ ގާޑިއަން ނޫހުން ބުނެފައި ވަނީ، މުސާރައިގެ 12.5 ޕަސަންޓް ދަށް ކުރުމަށް، އާސެނަލްގެ ސީނިއާ ޓީމުގެ ހުރިހާ ކުޅުންތެރިން އެއްބަސްވެފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން، ކުލަބުތަކަށް ވަނީ މާލީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތި ވެފަ އެވެ. އެ ހާލަތުން އަރައި ގަތުމަށް އިނގިރޭސި ބައެއް ކުލަބުތަކުން ވަނީ ނޮން ސްޕޯޓިން މުވައްޒަފުންގެ މުސާރަ ދަށް ކޮށްފަ އެވެ. ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ތެރެއިން ނިއުކާސަލް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާސް، އޭއެފްސީ ބޯންމައުތު އަދި ނޯވިޗް ސިޓީ އިން ވަނީ އެ ކްލަބުގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް ވަގުތީ ގޮތުން މަސަތްކަތަށް ނުނިކުމެ ގޭގައި މަޑުކުރަން އަންގައިފައެވެ.

އިނގިރޭސިވިލާތުގައި މިގޮތަށް ނޯޕޭ އަށް ފޮނުވާލާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމްގެ ދަށުން އެމީހެއްގެ މުސާރައިގެ 80 ޕަސަންޓު ލިބެއެވެ.