ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި ޖޭޖޭ ސްޕޯޓްސް ކްލަބް ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި ޖޭޖޭ ސްޕޯޓްސް ކްލަބް ސެމީއަށް ދަތުރު ކުރިއިރު، މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަހޯދީ ދަ ގްރޭންޑް އަމިގޯއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ނުކުތްއިރު ދެ ޓީމަށްވެސް ވަނީ ސެމީގެ ޖާގަ ކަށަވަރުވެފައެވެ. އެހެން ނަމަވެސް މިއަދު މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރު ކުރުމުގެ ބާރު ދެ ޓީމަށްވެސް އޮތް މެޗު ނިމިގެން ދިޔައީ އެއްވެސްކޮޅަކަށް ބުރަ ނުވެ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.

މާފަންނު ސްޓޭޑިއަމްގެ ޓާފް އެއް ނަންބަރު ދަނޑުގައި ކުރިއަށްދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗު އެއްވަރުވި ނަމަވެސް ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި ޖޭޖޭ ސްޕޯޓްސް ކްލަބް ސެމީއަށް ދަތުރުކުރީ ޕޮއިންޓްގެ ގޮތުން އަމިގޯއަށް ވުރެ ކުރި ލިބިގެންނެވެ.

މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ހޯދީ އަމިގޯއެވެ. ދެވަނަ ހާފްގެ 49 ވަނަ މިނެޓްގައި އަމިގޯއަށް ލީޑް ހޯދައިދިނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 23 މޫސާ އަރީފްއެވެ. އެހެން ނަމަވެސް އަމިގޯއިން ލީޑްނެގިތާ މާގިނައިރުތަކެއް ނުވެ ޖޭޖޭއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 53 ވަނަ މިނެޓްގައި ޖޭޖޭއަށް އެއްވަރުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ލިއަންޑްރޯއެވެ.

މިމުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނީ ކުޑަހެންވޭރު ޔުނައިޓެޑް، ބީޖީ، ދިވެހި ސިފައިންގެ ކްލަބް އަދި ކްލަބް ޕީކޭއެވެ. މީގެ ތެރެއިން ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ދިވެހި ސިފައިންގެ ކްލަބު ސެމީއަށް ދަތުރުކުރިއިރު، މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ކްލަބް ޕީކޭއެވެ.

ގްރޫޕް ދޭއްގައި ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިތުރުން ދަ ގޭންގް އަދި ޒެފްރޯލެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ކުޅުން ފަށަން ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ 3 ވަނަ ދުވަހުއެވެ. އެ ދުވަހު ކުޅޭ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެކެއްގެ އެއްވަނަ ދިވެހި ސިފައިންގެ ކްލަބާއި ގްރޫޕް ދޭއްގެ ދެވަނަ އަމިގޯއެވެ.

މެއިމަހުގެ 4 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް ދޭއްގެ އެއްވަނަ ޖޭޖޭ ސްޕޯޓްސް ކްލަބާއި ގްރޫޕް އެކެއްގެ ދެވަނަ ކްލަބް ޕީކޭއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއްވެސް ގްރޫޕެއްގައި ނުހިމެނޭ އަމިގޯ އެގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދިޔައީމަ ދެން ވާންވީ ކޮންދިމާލަކަށް ކަމެއް ނޭންގުނު.