ސްވިޑެންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗަކީ، ބާސެލޯނާގެ ތަރި ލިއޮނެލް މެސީއާއި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ލެވެލްއެއްގެ ކުޅުންތެރިންތެރިއެއް ކަމަށް އިޓަލީގެ ގައުމީ ޓީމުގެ ކޯޗު، އަދި ކުރިން އިންޓަ މިލާނާއި މެންޗެސްޓާ ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ.

ޒްލަޓާންއާއެކު އިންޓަމިލާންގައި މަސައްކަތްކުރި މަންޗިނީ ބުނެފައި ވަނީ ޒްލަޓާންއަކީ މިހާތަނަށް ދުނިޔެ ދުތް އެންމެ މޮޅު އެއް ފޯވަޑް ކަމަށެވެ. ޚާއްސަކޮށް އޭނާ ކުޅުނު ކޮންމެ ކްލަބެއްގައިވެސް ވިދާލުމުން އެކަން ސާބިތުވާ ކަމަށްވެސް މަންޗިނީ ބުނެފައިވެއެވެ.

ޒްލަޓާންއާއެކު މަންޗިނީ ވަނީ ދެފަހަރަށް އިޓަލީގެ ޗެމްޕިއަންކަން ހޯދާފައެވެ. އޭގެ އިތުރުން ޒްލަޓާން އަކީ ބާސާއާއެކު ސްޕެއިންގެ ޗެމްޕިއަންކަން، އަޔެކްސްއާއެކު ނެދަލޭންޑްސްގެ ޗެމްޕިއަންކަން، އަދި ޕީއެސްޖީއާއެކު ފްރާންސްގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އޭސީ މިލާނާއެކު އިޓަލީ ލީގުވެސް ހޯދާފައެވެ. އުމުރުން 38 އަހަރުގެ ޒްލަޓާން ވަނި ކެރިއަރުގައި 798 މެޗު ކުޅެ، 478 ގޯލް ޖަހާފައެވެ.

"އެތަކެއް ގޯލެއް ޖަހާ ތަށިތައް ހޯދާ ކުޅުންތެރިއެއް ޒްލަޓާންއަކީ. މެސީއާއި ރޮނާލްޑޯއާ އެއް ލެވެލްއެއްގައި ގުނަން ޖެހޭ. މި ސީޒަންގައިވެސް މިލާންގައި ރަނގަޅަށް ކުޅެމުން ދިޔައީ. އުންމީދުކުރަން އަދިވެސް ހުއްޓާނުލާ ދުވަސް ކޮޅަކު ކުޅޭތަން ފެންނާނެ ކަމަށް،" މަންޗިނީ ބުނެފައިވެއެވެ.

ޒްލަޓާން ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 540 ލަނޑު ޖަހާފައެވެ. އަދި 31 ތަށި ހޯދާފައި ވެއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި 700 ލަނޑު ޖަހައި 29 ތަށި ހޯދާފައެވެ. މެސީ ވެސް ވަނީ އޭނާގެ ކެރިއަރުގައި 700 ލަނޑު ޖަހައި 34 ތަށި ހޯދާފައެވެ.