ކޮވިޑް-19 އާއި ގުޅިގެން ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު އަނެއްކާ ވެސް ފަސްކޮށްފިއެވެ.

އެ އެސޯސިއޭޝަނުގެ ރަސްމީ ވެބްސައިޓުގައި މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އިންތިޚާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީޚް ފަސްކޮށްފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްޙީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާ އަދި މިހާރުވެސް އަޅުއްވަމުންދާ ފިޔަވަޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނެ ތާރީހް ފަހުން ޢިއުލާނު ކުރާނެ ކަމަށާއި އިންތިހާބް ފަސްކުރި ނަމަވެސް، އިންތިޚާބާއި ގުޅުންހުރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

މީގެ ކުރިން ސްވިމިންގް އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ މިއަދުއެވެ. މީގެ ކުރިން ވެސް އިންތިހާބު ބާއްވަން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސްކުރިއެވެ. އެގޮތުން އެންމެ ފުރަތަމަ އިންތިހާބު ބާއްވަން ނިންމީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ވަނީ ހުރިހާ ކުޅިވަރު ހަރަކާތެއް މެދުކަނޑާލާފައެވެ. ވެރިރަށް މާލެ އިން ވައިރަސް ފެނުމުން ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން 14 ދުވަހުގެ މުއްދަތަކަށް މުޅި ރާއްޖެ ވަނީ ފުރަބަންދު ކޮށްފައެވެ. ކޮވިޑް-19 ގެ 35 ކޭސް ރާއްޖޭން މިހާތަނަށް ފެނިފައިވާއިރު މި ބަލި ޖެހިގެން 16 މީހަކު ވަނީ ރަނގަޅުވެފައެވެ.