ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ މުހައްމަދު ސަލާހް ގަލީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އެހެންނަމަވެސް ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާއި އަޅާނުކިޔޭނެ ކަމަށް ދުނިޔެ ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު އަދި ލިވަޕޫލްގެ ލެޖެންޑް ސްޓީވަން ޖެރާޑް ބުނެފިއެވެ.

ޖެރާޑް އެހެންބުނެފައިވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ލިވަޕޫލްއިން ރަށުން ބޭރުގައި 5-0 ގެ ނަތީޖާއަކުން ޕޯޓޯ ބަލި ކުރި މެޗުގައި ސަލާހުގެ ފަރާތުން ފެނުން މޮޅު ކުޅުމާއި ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ސަލާހުވަނީ މޮޅު ގޯލެއް ކާމިޔާބުކޮށް އެތަށް ބަޔަކު އަންތަރީސްކޮށްލާފައެވެ.

ލިވަޕޫލްއަށް 500 އަށް ވުރެއް ގިނަ މެޗު ކުޅެދީ ލިވަޕޫލް އާއި އެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައިވާ ޖެރާޑް ބުނީ ސަލާހުގެ ގޯލަކީ މަދުން ނޫނީ ނުފެންނަ މޮޅު ގޯލެއް ކަމަށެވެ. އަދި ސަލާހަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށް ބުނަމުން ޖެރާޑް ބުނީ ސަލާހް އަށް އަދި މެސީއާއި އެއްފެންވަރަށް ނުކުޅެވޭ ކަމަށެވެ. އަދި މެސީއާއި ސަލާހް އެއްވަރު ކުރާތީ އެއީ އިންސާފެއް ނޫންކަމަށް ޖެރާޑް ވަނީ ބުނެފައެވެ.

" އެންމެ ގޯލަކުން މެސީއާއި ސަލާހް އާއި އަޅާ ނުކިޔޭނެ. މެސީ އަކީ ހުނަރުން ފުރިފާވާ ކުޅުންތެރިއެއް. ސަލާހުގެ ކެރިއަރަށްވެސް ރަގަނޅު ކަމެއް ނޫން މެސީއާއި އަޅުވާ ކިޔުމަކީ" ޖެރާޑް ބުންޏެވެ.

މިސްރުގެ ސަލާހް ވަނީ މި ސީޒަންގައި ލިވަޕޫލްއަށް 30 ގޯލު ކާމިޔާބުކޮށްދީފައެވެ. އެހެންކަމުން ސަލާހް ވެފައިވަނީ ލުއިސް ސުއަރޭޒްއަށް ފަހު އެއް ސީޒަންގައި ލިވަޕޫލްއަށް 30 ގޯލު ކާމިޔާބުކޮށްދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު