1-0 އިން ސްވެންސީ ސިޓީ ބަލިކޮށް ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ އުއްމީދު ޗެލްސީ އިން އާކޮށްފިއެވެ.

ރޭގެ މޮޅާ އެކު ޗެލްސީ ލީގުގެ ފަސްވަނައިގައި މިހާރު އޮތީ 66 ޕޮއިންޓާ އެކުއެވެ. ހަތަރުވަނައިގައި ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެ 68 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމްއެވެ. ލީގުގައި މާދަމާ ރޭ ކުޅޭ މެޗުން ޓޮޓެންހަމް މޮޅުވެއްޖެނަމަ އަނެއްކާވެސް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުވާނެއެވެ.

ލީގުގައި ޗެލްސީ އަށް ދެން އޮތީ ބާކީ ތިން މެޗު ކަމަށްވާއިރު ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ޗެލްސީ އަށް ނުލިބޭނެއެވެ.

ސްވެންސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި ޗެލްސީ އިން ވަނީ ލީޑު ނަގާފައެވެ. ހަޒާޑް ދިން ޕާހަކުން މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ސެސްކް ފެބްރިގާސްއެވެ. މިއީ ޕްރިމިއަރ ލީގުގައި ފެބްރިގާސް ކާމިޔާބުކުރި 50 ވަނަ ގޯލެވެ.

މި ގޯލަށްފަހު ފުރަތަމަ ހާފްގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް ޗެލްސީ އަށް ތަނަވަސް ކުރެވިފައެއް ނުވެއެވެ.

ފުރަތަމަ ހާފްގައި ސްވެންސީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު ނަމަވެސް ދެވަނަ ހާފްގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އަޔޫ ފޮނުވާލި ހަމަލާ ޗެލްސީގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ކައިލް ނޯޓަން އާއި ޓޮމް ކެރޯލްގެ އިތުރުން ވޭން ރައުޓްލެޖް ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ޗެލްސީގެ ގޯލަށް ފޮނުވާލާފައެވެ.

ރޭގެ މޮޅާއެކު ގަދަ ހަތަރެއްގެ އުއްމީދު ޗެލްސީ އިން އާކުރިއިރު އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މި މޮޅާއެކު ލީގުގެ ހަތަރުވަނައިގައި މިހާރު އޮތް ޓޮޓެންހަމް އަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކުރެވިއްޖެ ކަމަށާއި ގަދަ ހަތަރަކަށް އެރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް މި ލިބުނީ ވަރަށް މުހިއްމު ތިން ޕޮއިންޓު. ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރެއް އަހަރުމެން އަތަކު ނެތް. އަހަރުމެންނަށް ވުރެ ކުރީގަ ތިބި ޓީމުތަކަށް ޕްރެޝަރު ކުރެވޭނީ މެޗުތަކުން މޮޅުވެގެން" ކޮންޓޭ ބުންޏެވެ.

ލީގުގައި ޗެލްސީ އިން ދެން ބައްދަލުކުރާނީ ލިވަޕޫލްއާއެވެ.