ރެއާލް މެޑްރިޑްގެ ކެޕްޓަންކަން ގެރެލް ބޭލް ކުރި މެޗުން 1-2 އިން ލެގަނޭސްގެ މައްޗަށް ރެއާލް އިން ކުރި ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ ތިންވަނައިގައި ރެއާލް މިހާރު އޮތީ 71 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 72 ޕޮއިންޓާ އެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު އެއްވަނައިގައި 83 ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗަށް އެޓީމުން ނިކުތީ ގިނަ ބަދަލުތަކާއެކުއެވެ. އެގޮތުން ކުރިއަށް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާއި ދެކޮޅަށް ކުޅޭ މެޗު އޮތުމުން މި މެޗުގައި ރެއާލްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ ރެސްޓު ދީފައެވެ. މީގެއިތުރުން މޯޑްރިޗް އާއި އިސްކޯ އާއި ސާޖިއޯ ރާމޯސް މެންފަދަ ކުޅުންތެރިން ވެސް މި މެޗުގައި ކުޅެފައެއް ނުވެއެވެ.

ބަޔާން އާއި ރެއާލް ބައްދަލުކުރި ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު 1-2 އިން ކާމިޔާބުކުރީ ރެއާލް އިންނެވެ.

ރޭގެ މެޗުގައި ޒުވާން ގިނަ ކުޅުންތެރިންނަށް ރެއާލް އިން ފުރުސަތު ދީފައިވާއިރު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ އަށްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބޭލްއެވެ. މިއީ މި ސީޒަނުގައި ބޭލް ކާމިޔާބުކުރި 15 ވަނަ ގޯލެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ރެއާލްގެ ޒުވާން ފޯވާޑް ބޯޖާ މަޔޯރާލް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މެޗުގައި ސާޖިއޯ ރާމޯސް ކުޅެފައިނުވާތީ ރެއާލްގެ ކެޕްޓަންކަން މެޗުގެ 61 ވަނަ މިނެޓާއި ހަމައަށް ކޮށްފައިވަނީ ކަރީމް ބެންޒެމާއެވެ. ނަމަވެސް ބެންޒެމާ ބަދަލުކުރުމުން ދެން ރެއާލްގެ ކެޕްޓަންކަން ކުރީ ބޭލްއެވެ. މިއީ ވޭލްސް އަށް އުފަން ބޭލް ރެއާލްގެ ކެޕްޓަންކަން ކުރި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ލެގަނޭސް އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑާކޯއެވެ. މި ގޯލަށްފަހު ނަތީޖާ އެއްވަރުކޮށްލަން ވެސް ލެގަނޭސް އަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. މެޗުގެ ފަހުވަގުތުކޮޅުތެރޭ ލެގަނޭސްގެ އަޕެލްޓް ޕިރޭސް އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުންނެވެ.

ސްޕެނިޝް ލީގު ދިފާއުކުރުމުގެ ފުރުސަތު ރެއާލް އަށް ގާތްގަނޑަކަށް މިހާރު ގެއްލިފައިވާއިރު މި ސީޒަނުގައި އެޓީމަށް ކާމިޔާބުކުރެވެން އޮތީ ޗެމްޕިއަންސް ލީގު އެކަންޏެވެ. ރެއާލް އަކީ ފާއިތުވި ދެ އަހަރު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމެވެ.