އިނގިރޭސި ގައުމީ ޓީމާއި މެންޗެސްޓާ ޔުނައިޓެޑްގެވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތީ ވޭން ރޫނީ އަތުގައެވެ. ޔުނައިޓެޑަށް އޭނާ 253 ގޯލް ޖަހައިދީފައިވާއިރު، އިންގްލެންޑަށް އޭނާ ވަނީ 53 ގޯލް ޖަހައިދީފައެވެ. އެކަމަކު ރޫނީއަކީ "ނެޗުރަލް ސްޓްރައިކަރެއް" ނޫނެވެ. ހުދު ރޫނީވެސް އެކަން ގަބޫލުކުރެއެވެ. އޭނާ އަމިއްލައަށް ބުނެފައި ވަނީ އޭނާއަކީ "ނަންބަރ ނައިން" އަށް ކުޅުނު ކުޅުންތެރިއެއްވެސް ނޫން ކަމަށެވެ.

އުމުރުން 34 އަހަރުގެ ރޫނީ އަތުގައި ގޯލް ޖެހުމުގެ ވަރުގަދަ ރެކޯޑުތައް އޮތް ސަބަބު އޭނާގެ އަމިއްލަ ނަޒަރުގައި ހިއްސާކޮށްފައިވެއެވެ.

"އަހަންނަކީ ލިނެކާއާއި ނެސްތެރޫއީ ފަދަ ނަންބަރ ނައިންއަށް ކުޅޭ ކުޅުންތެރިއެއް ނޫން. އެކަމަކު ރެކޯޑުތައް އެބަހުރި. ސުވާލަކީ ބޮބީ ޗާލްޓަން ފަދަ ކުޅުންތެރިންގެ ރެކޯޑުތައް އަހަންނަށް މުގުރާލެވުނީ ކީއްވެހޭ. އެންމެ ޖަވާބެއް އޮތީ، ވަގުތު. އެއީ އަހަންނަށް ކެރިއަރުގައި ލިބުނު ވަގުތު،" އުމުރުން 16 އަހަރު އެވަޓަންއިން ޕްރެފެޝަނަލް ފުޓުބޯޅަ ފެށި ރޫނީ ބުނެފައިވެއެވެ.

ވޭން ރޫނީ

ރޫނީ ދެކޭ ގޮތުގައި އޭނާ ޖެހި ގޯލްތައް އަދިވެސް މަދެވެ. ރޫނީގެ ގަބޫލުކުރުމަކީ ކެރިއަރުގެ ޅައިރުގައި ވިދާލާ، ދެމެހެއްޓެނިވި ކުޅުމެއް އެތައް ސީޒަނަކު ކުޅެން ފުރުސަތު ލިބުމަކީ އޭނާ ރެކޯޑުތަކުގެ ސިއްރެވެ. ރޫނީ ވަނީ ޔުނައިޓެޑަށް 13 އަހަރު، ގައުމީ ޓީމަށް 15 އަހަރު ދުވަހު ކުޅެފައެވެ. އެ 15 އަހަރު ގައުމީ ޓީމަށް 120 މެޗު ކުޅުނުއިރު، ޔުނައިޓެޑަށް 13 އަހަރު ދުވަހުން 559 މެޗު ކުޅެދީފައިވެއެވެ.

އިނގިރޭސި ދެވަނަ ޑިވިޝަންގައި ކުޅެމުންދާ ޑާބީ ކައުންޓީގެ ޕްލޭޔާ މެނޭޖަރަކަށް ހުރި ރޫނީ ބުނެފައި ވަނީ އިންގްލެންޑްގައި އޭނާ ހަދާފައިވާ ރެކޯޑު، ހެރީ ކޭން މުގުރާލާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ ކޭންއަކީ ރޫނީއަށްވުރެ ގޯލް ކުރިމަތީގައި އަމިއްލަ އެދުން ބޮޑު، މޮޅު ފޯވާޑަކަށް ވާތީ ކަމަށްވެސް ރޫނީ ބުނެފައިވެއެވެ.