އިޓަލީގެ ކްލަބު އޭއެސް ރޯމާގެ ހުރިހާ ކުޅުންތެރިންނާއި ސްޓާފުން ހަތަރު މަހަށް މުސާރަ ނުނަގަން އަމިއްލައަށް ނިންމައިފިއެވެ.

އިޓަލީގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރި، މުޅި ގައުމު ހުއްޓުމަކަށް އައިސްފައިވާއިރު، ސެރެއާ އޭ މެދުކަނޑާލިތާވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ލީގު މެދުކަނޑާލުމާއެކު ކްލަބުތަކަށް މާލީ ދަތިކަން ދިމާވެފައިވުމާއެކު ބައެއް ކްލަބުތަކުން ދަނީ ކުޅުންތެރިންގެ މުސާރަތައް ކުޑަކުރުމަށް މަޝްވަރާ ކުރަމުންނެވެ.

އެފަދަ މަޝްވަރާތައް ކުރަމުންދާ މި ދަނޑިވަޅުގައި ރޯމާގެ ހުރިހާ ކުޅުންތެރިން ވަނީ އެއްބަސްވުމަކަށް އައިސް، ކުރިއަށް އޮތް ހަތަރުމަހުގެ ކޮންޓްރެކްޓް މުސާރަ ނުނަގަން އެއްބަސްވެފައެވެ. އެހެން ނަމަވެސް، އިޓަލީގެ ވަޒީފާއާއެކު ބެހޭ އުސޫލުގައިވާ ކުޅުންތެރިއެއްގެ ބޭސިކް މުސާރަ އެކްލަބުގެ ކުޅުންތެރިން ނަގާނެއެވެ.

"އަބަދުވެސް އަހަރެމެން ދައްކަމުންދާ ވާހަކައެއް ރޯމާގެ އެއްބައިވަންތަކަމުގެ ވާހަކައަކީ. މިކަމުގައި އެކުގައި ރޯމާ އޮތްކަން އަންގައިދޭ މުސާރަތައް ކަނޑާލަން އެއްބަސްވެ އަމިއްލައަށް އެކަން ހުށަހެޅުމުން. ޒެކޯއާއި ޕައުލޯ ފޮންސެކާ ފަދަ ކުޅުންތެރިންނަށް ޓީމުގެ ހާލަތު އެނގޭ، އަދި އެކަން ނިންމުމުގައި ހުރިހާ ކުޅުންތެރިންނާއި ސްޓާފުން ދެއްކި ނަމޫނާއަށް ފަށްފަށުން ޝުކުރު އަދާކުރަން،" ކްލަބުގެ ސީއީއޯ ގުއިޑޯ ފިއޭނާގް ބުނެފައިވެއެވެ.

އިޓަލީގެ ލީގު ފެށޭން ތާރީހެއް އަދި ނޭނގެއެވެ. އެގައުމުގައި މިހާރު ކޮވިޑްގެ ކޭސްތައް މަދުވަމުން ދާ ނަމަވެސް، އަދިވެސް ބަލި ކޮންޓްރޯލް ވާނެ ދުވަހެއް ނޭނގެއެވެ.

ޓީމުގެ ކުޅުންތެރިންގެ ފަރާތުން ބުނެފައި ވަނީ މިއީވެސް މިކަމުގެ މާލީ ދަތިކަމުން އަރައިގަންނަން ފުދޭނެ ވަރެއް ނޫން ކަމަށާއި، މިކަމަކީ މުޅި ފުޓުބޯޅައަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްކަން ހުރިހާ ކުޅުންތެރިންނަށްވެސް އެނގޭ ކަމަށެވެ. އަދި ކްލަބުން ބޭނުންވާ ދުވަހެއްގައި ކުޅުމަށް ތައްޔާރަށް ހުރިހާ ކުޅުންތެރިން ތިބި ކަމަށްވެސް ސިޓީގައިވެއެވެ.