މި ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ އިތުބާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ނެތްތަން ފޫނުބެއްދޭނެ ކަމަށް އެ ކްލަބުގެ ކޯޗު އާނަސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ބާސާގައި 22 އަހަރު ހޭދަކުރުމަށްފަހު އެ ކްލަބު ދޫކޮށްލަން އިނިއެސްޓާ ނިންމާފައިވާއިރު އޭނާ އަކީ އަދިވެސް އެ ކްލަބުގެ މެދުތެރޭގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އަދި އިނިއެސްޓާ ދިޔުމަކީ ބާސާ އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ބާސާގެ ކޯޗު ވަލްވާޑޭ ބުނީ އިނިއެސްޓާ ނެތްތަން ފޫނުބެއްދޭނެ ކަމަށާއި އެހެން ކުޅުންތެރިންނާއި ހިލާފަށް އިނިއެސްޓާގެ ފަރާތުން ޓީމަށް ހާއްސަ ކަންތައްތަކެއް ލިބިގެންދާ ކަމަށެވެ.

"އިނިއެސްޓާ އެ ކުޅޭ މަގާމަށް އެހެން ކުޅުންތެރިއަކު އެރުވިދާނެ. އެކަމަކު ދަނޑު މަތީގަ އިނިއެސްޓާ އެކުރާ ކަންތައްތަށް އެހެން ކުޅުންތެރިއަކަށް ނުކުރެވޭނެ. އެއީ ހަގީގަތަކީ. އިނިއެސްޓާ ފެންވަރުގެ ކުޅުންތެރިއަކު ދިޔުމުން ތަފާތު ގޮތަކަށް ޓީމަށް ބެލެންސް ގެނައުމަށް މަސައްކަތް ވެސް ކުރަންޖެހޭނީ. ތަފާތު ގޮތެއް ހޯދަން މަސައްކަތް ވެސް ކުރަންޖެހޭ" ވަލްވާޑޭ ބުންޏެވެ.

މި ސީޒަނަށްފަހު އިނިއެސްޓާ ބާސާ ދޫކޮށްލަން ނިންމާފައިވާއިރު އޭނާ ދެން ކުޅޭނެ ކްލަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓުތަށް ބުނާ ގޮތުން އިނިއެސްޓާ ދެން ފެނިގެންދާނީ ޗައިނާގެ ކްލަބަކުންނެވެ.

އުމުރުން 33 އަހަރުގެ އިނިއެސްޓާ ވަނީ ބާސާ އަށް މިހާތަނަށް ޖުމްލަ 670 މެޗު ކުޅެދީ 57 ގޯލު ކާމިޔާބުކޮށް 141 އެސިސްޓު ހަދާފައެވެ.

އިނިއެސްޓާގެ ކެޕްޓަންކަމުގެ ދަށުގައި ބާސާ އަށް މިރޭ ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިރޭ ޑިޕޯޓިވޯއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ބާސާ އަށް ލީގު ޗެމްޕިއަންކަން ލިބޭނެއެވެ.

ޑިޕޯޓިވޯގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11:45 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މިހާރުވެސް ޒަވީ ނެތްތަން ދައްކާ! ބާސާ ބާސާއަކަށް ހެދި ދެމީހުން ތި ދިޔައީ! އިނިއެސްޓާ އާއި ޒަވީ އެއީ ދެ ލެޖެންޓުން.